ވިޔަފާރި

ދެކުނު އޭޝިއާގެ މީހުންނަށް ޙިދުމަތް ދެމުންދިޔަ އިތުރު ގެސްޓްހައުސްއެއްގެ ހުއްދަ ބާޠިލްކޮށްފި


ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް، ދެކުނު އޭޝިއާގެ ފަތުުރުވެރިންނަށް ޙިދުމަތް ދެމުން ދިޔަ އިތުރު ގެސްޓްހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ބާޠިލްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިމަހުގެ 17 ވަނަ ދުވަހުވެސް 3 ގެސްޓު ހައުސްއެއްގެ ހުއްދަ ބާޠިލްކޮށް އިތުރު 3 ތަނަށްކަށް އިންޒާރު ދީފައެވެ.

އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންގައިވާ ގޮތުން، ޓްރާންސިޓް ހާލަތުގައި ފިޔަވައި މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކުގައި 48 ގަޑިއިރަށް ވުރެ ގިނަ އިރަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ނުތިބެވޭނެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއްގެ ގެސްޓްހައުސްއެއްގައި މިވަގުތަށް ދެކުނު އޭޝިއާ ފަތުރުވެރިން ބޭތިއްބުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރާއްޖޭގެ ބޯޑަރުތަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހުޅުވާލުމާއި އެކު މި ސަރަޙައްދުގެ ޤައުމުތަކުން ދަނީ ގިނަ އަދަދެއްގެ ފަތުުރުވެރިން ރާއްޖެއަށް އެތެރެވަމުންނެވެ.

މިއާ އެކު ޓޫރިޒަމް މިނިސްޓްރީން ވަނީ ޙާއްސަ އިންސްޕެކްޝަނެއްވެސް ފަށާފައެވެ. މި އިންސްޕެކްޝަންގެ ބޭނުމަކީ ރާއްޖެއަށް އެޤައުމުތަކުން އެތެރެވާ މީހުން ދަނީ ކޮންތަންތާކަށް ތޯ ބެލުމާއި، ރާއްޖޭގެ އެއްވެސް ގެސްޓުހައުސްއެއްގައި އެޤައުމުތަކަށް ނިސްބަތްވާ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދޭތޯ ބެލުމެވެ.

މިނިސްޓްރީން ވިދާޅުވާ ގޮތުގައި އެ މިނިސްޓްރީގެ ބޭނުމަކީ ފިޔަވަޅު އެޅުން ނޫން ކަމަށެވެ. ނަމަވެސް މިވަގުތު ކަނޑައެޅިފައިވާ ގައިޑްލައިންތަކަކީ އެންމެންގެ ރައްކާތެރިކަމަށް ހެދިފައިވާ ގައިޑްލައިންތައްކަމުން އެއަށް ޢަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ދެކުނު އޭޝިއާގައި ކޯވިޑްގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދިޔުމާއި ގުޅިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ޓޫރިސްޓް ވިސާ ދިނުން ހުއްޓާލާފައިވަނީ މިދިޔަ މޭއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ގާތްގަނޑަކަށް 2 މަސް ދުވަސްފަހުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެއިން ޓޫރިސްޓް ވިސާ ދޫކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 30ވަނަ ދުވަހު ގެސްޓުހައުސްތައް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހުޅުވާލެވޭނެ ކަމަށް ސަރުކާރުން މީގެކުރިންވަނީ ވިދާޅުވެފައެވެ.