ޚަބަރު

27 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ


ވެކްސިންޖެހޭ އާބާދީގެ 27 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާކަމަށާއި ޤައުމީ ކަމެއްގެ ގޮތުގައި ވެކްސިން ފުރިހަމަކުރުމުގެ މަސައްކަތްކޮށްދިނުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ އެހެން ޤައުމުތަކާއި އަޅާބަލާއިރު އާބާދީގެ 70 އިންސައްތައަށްވުރެ ބޮޑު ބަޔަކަށް ވެކްސިން ދެވިފައިވުމަކީ ކޯވިޑުން ރައްކާތެރިވުމަށް ރާއްޖެއަށް ހޯދިފައިވާ ބޮޑު ކުރިއެރުމެއްކަމަށެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑުން ދިފަޢުވުމަށް ޖަހާ ވެކްސިންގެ މަސައްކަތުގައި މިހާރު ކުރިއެރުންތަކެއް ހޯދިފައިވީނަމަވެސް އަދިވެސް ވެކްސިންގެ އެންމެ ޑޯޒްވެސް ނުޖަހާ 27 އިންސައްތަ މީހުން އެބަތިބިކަމަށެވެ. ނަޒްލާ ވިދާޅުވީ ވެކްސިން ނުޖަހާ ތިބި މީހުންނަށް މިކަމުގެ މުހިއްމުކަން އަންގައިދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމަށެވެ. އަދި ކޯވިޑްގެ ސަބަބުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ބޭނުންވާނަމަ ވެކްސިން ޖެހުމަކީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކުރަންޖެހޭކަމެއްކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. މީގެއިތުރުން މާލޭގައި ކޯވިޑް ކޭސްތައް މަދުވެ، ގިނަ ރަށްތަކުގައިވެސް ބަލީގެ ނުރައްކާ ކުޑަވެފައިވާއިރު، މީއީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިންދީ ނިންމަންވީ ވަގުތުކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"އެއްވެސް ގޮތަކަށް ވެކްސިން ނުޖަހާ ހުރިނަމަ އަވަހަށް ފުރަތަމަ ޑޯޒް ޖަހަންވީ. އާއިލާ މީހުންނާއި އެކުވެރިންނާއި، އަވައްޓެރިންނާއި އެކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިންވެސް ވެކްސިންޖެހޭ އުމުރުގެ މީހުން ވެކްސިން ނުޖަހާ ތިބިނަމަ ވެކްސިންޖެހުމަށް ބާރުއަޅައިދިނުމަށް އަޅުގަނޑުމެން އެދެން. ވެކްސިންޖެހޭ އުމުރުގެ %27 މީހުން އެބަތިބި އަދިވެސް އެއްވެސް ޑޯޒެއް ނުޖަހާ. އެހެންވީމަ މިއެންމެނަށް މިއަންނަ މަހުގެ ތެރޭގައި ފުރަތަމަ ޑޯޒްޖަހަން ބާރުއެޅުމަކީ އަޅުގަނޑުމެން އެންމެން އެއްކޮށް ކުރެވޭނެކަމެއް. ޤައުމީ ކަމެއްގެ ގޮތުގައި އެންމެ ގުޅިގެން މިކަން ކުރަން މަސައްކަތްކޮށްދިނުމަށް އަޅުގަނޑުމެން އެދެން" ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ނަޒްލާގެ ވާހަކަފުޅުގައި ރާއްޖެއަށް ވެކްސިން ލިބުމުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ވެކްސިން ދިނުމުގައި ހޯދާފައިވާ ކާމިޔާބީއަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން ވެކްސިން ބޭނުންވާވަރަށް ހޯދައިގެން ނުވަތަ އުފައްދައިގެން އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށި ޤައުމުތަކާއި، ސަރަހައްދީ ޤައުމުތަކާއި އަޅާބަލާއިރުވެސް ނިސްބަތުން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިފައިވާ ޤައުމަކަށް ރާއްޖެވާނެކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ދުނިޔޭގެ ވަރަށް ބޮޑެތި ޤައުމުތަކަށްބަލާއިރު، މިސާލަކަށް އެމެރިކާ ކަހަލަ ޤައުމުތަކަށް ބަލާއިރު، އެއީ އެންމެ ފުރަތަމަ ވެކްސިން ލިބިގެން ވެކްސިންގެ ދަތިކަމެއްނެތި ވެކްސިންޖަހަން އަވަހަށް ފެށުނު ޤައުމުތަކުގެތެރޭގައި ހިމެނޭއެއް ޤައުމު ޔޫއެސްއަކީ. އެކަމަކު އެޤައުމާ އަޅާބަލާއިރުވެސް ދިވެހިރާއްޖެ ހަމަ ފުދޭވަރަކަށް ވެކްސިން އާބާދީގެ ނިސްބަތުން ޖެހުނު އަދަދު މިއޮތީ މަތީގައި. މިސަރަޙައްދުގެ ޤައުމުތައް، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް ނޭޕާލް މި ޤައުމުތަކަށް ބެލިއަސް ރާއްޖެމިއަވަނީ މާބޮޑުތަންވެސް ކުރީގައި" ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ނޭޝަނަލް އިމިއުނަޒޭޝަން ޕްރޮގްރާމުގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ރައްކާތެރި، ފެންވަރު ރަނގަޅު ވެކްސިން ފޯރުކޮށްދިނުމަށްކަމަށާއި ކޯވިޑުން ދިފަޢުވުމަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްވެސް ކުރިއަށް ދަނީ އެގޮތަށްކަމަށެވެ.

އާންމު ހާލަތަކަށް ދިއުމަށް ލިބިފައިވާ އެންމެ މުހިއްމު ހަތިޔާރަކީ ވެކްސިންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، އެންމެ ފަހުން ރާއްޖެއަށް ކުރިމަތިވި ކޯވިޑް ރާޅުގައިވެސް އެތައް ބަޔަކު ޕޮޒިޓިވްވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވިއިރު، އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދެވިއްޖެނަމަ އެނުރައްކާތައް ކުޑަވެ، މިހާރު ކުރިމަތިވެފައިވާ އުނދަގޫ ހާލަތަށް ލުއިތަކެއް ލިބިގެންދާނެކަމަށެވެ.

"ކުދިންގެ ކިޔެވުމަށް ބުރޫއެރުމާއި، ދަތުރުކުރުމުގައި މިހުރި ދަތި އުނދަގޫތަކާއި މިކަހަލަ ވަރަށް ގިނަ ކަންކަމަށް ނިމުމެއް އަންނާނެކަމަށްބެލެވޭ ވެކްސިން އާބާދީގެ ބޮޑުބަޔަކަށް ޖެހިއްޖެނަމަ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަންނަ ހޮނިހިރުދުވަހު ރާއްޖޭގައި ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާއިރު ސަރުކާރުން ވިދާޅުވީ ހޮނިހިރު ދުވަހު ފަށާ ވެކްސިން ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މި ފެށޭ އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުމެވެ. އަދި އެއަށްފަހު މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަށް މަސައްކަތްކުރާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ކުރެއްވި މަސައްކަތުން ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުންނަށް ދެ ޑޯޒް ޖެހޭވަރަށް ރާއްޖެއަށް މިހާރު ވަނީ ވެކްސިން ލިބިފައެވެ.