ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާން ކުރިއަށްދާތާ މިއަދަށް ތިން އަހަރު ފުރިފައިވާއިރު، އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދެމުންދިާ އެހީތެރިކަމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮަނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ވެސް، އަދި އޭގެ ކުރިން އެ މަޤާމުގައި ހުންނެވި ޖޯ ބައިޑެންގެ ވެރިކަމުގައި ވެސް އެމެރިކާއިން ވަނީ ދެގޮތެއް ނުވެ އަސްކަރީ އެހީތެރިކަމާއި ހަތިޔާރާއި ޚާރިޖީ އެހީތެރިކަން ޔަހޫދީންނަށް ފޯރުކޮށްދީފައެވެ. އެމެރިކާއިން ނަމެއްގައި ޔަހޫދީންގެ ޢަމަލުތައް ކޮންމެވެސް ވަރަކަށް ކުށްވެރި ކުރި ނަމަވެސް، އަދި އެމެރިކާގެ އެހީތެރިކަމާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު ޤާއިމްކޮށްފައިވާ ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޔަހޫދީން ތަކުރާރުކޮށް ޚިލާފުވަމުން ދިޔަ ނަމަވެސް، އެމެރިކާއިން އަދިވެސް ޔަހޫދީންނަށް ވާގިވެރިވެއެވެ.
އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީން ދެމުންދާ ޢުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 74،243 މީހުން ޝަހީދުވެފައިވެއެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޣައްޒާގެ 1،460 މީހުން ޝަހީދުކޮށްލާފައިވެއެވެ.
އަސްކަރީ އެހީތެރިކަން
1948ވަަނަ އަހަރު ޔަހޫދީންގެ ދައުލަތް ޤާއިމްކުރީންސުރެ މިހާތަނަށް އެމެރިކާއިން ވަނީ ޔަހޫދީންނަށް ގާތްގަނޑަކަށް 300 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމެރިކާއިން އެހީގެ ގޮތުގައި އެހާ ބޮޑު ޢަދަދެއް އެހެން އެއްވެސް ޤައުމަކަށް މިހާތަނަށް ފޯރުކޮށްދީފައެއް ނުވެއެވެ. 2008ވަނަ އަހަރު ފާސްކުރި ޤާނޫނެއްގެ ދަށުން އެމެރިކާއިން ދަނީ އަވައްޓެރި ޤައުމުތަކުގެ މައްޗަށް ޔަހޫދީންނަށް އަސްކަރީގޮތުން ގަދަވެވޭނެކަން ޔަޤީންކުރުމުގެ ސިޔާސަތެެއް ވެސް ތަންފީޒުކުރަމުންނެވެ. ޔަހޫދީންނަށް ލިބިފައިވާ އަސްކަރީ ޤާބިލުކަމުގެ ބޮޑު ބަޔަކީ އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރާއި ނިޒާމުތަކުގެ މައްޗަށް އެކުލެވޭ ޤާބިލުކަމެވެ.
2023ވަނަ އަހަރުގެ ޢުދުވާން ފެށި ފަހުން ވެސް އެމެރިކާއިން ވަނީ ޔަހޫދީންނަށް 25.5 ބިލިޔަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި 2016ވަނަ އަހަރު ޔަހޫދީންނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ 10 އަހަރުގެ އެއްބަަސްވުމެއްގެ ދަށުން ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަމުގެ ގޮތުގައި ދީފައިވާ 3.8 ބިލިޔަން ޑޮލަރުގެ އެހީތެރިކަން ވެސް ހިމެނެއެވެ. އަދި 2024ވަނަ އަހަރުގެ ތެރޭގައި ޔަހޫދީންނަށް ދިނުމަށް އެމެރިކާއިން ނިންމި 14.1 ބިލިޔަން ޑޮލަރުގެ ސަޕްލިމެންޓްރީ ސަލާމަތީ ޕެކޭޖެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެމެރިކާއިން ފޯރުކޮށްދޭ ފައިސާގެ އެހީތެރިކަމުގެ ބޮޑު ބައެއް ބޭނުން ކުރަނީ އެމެރިކާއިން އުފައްދާ ހަތިޔާރާއި އަސްކަރީ ޚިދުމަތްތައް ހޯދުމަށެވެ. އެމެރިކާއިން ޔަހޫދީ ދައުލަތުގައި ރައްކާކޮށްފައިވާ ހަތިޔާރު ވެސް ޔަހޫދީންނަށް ބޭނުންކުރުމުގެ ފުރުޞަތު އެ ޤައުމުން ދެއެވެ.
ހަތިޔާރު ވިއްކުން
އެމެރިކާއިން ޔަހޫދީންނަށް ސީދާ ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަމުގެ އިތުރުން އެ ޤައުމުން ޔަހޫދީންނަށް ބަރާބަރަށް ހަތިޔާރު ވިއްކައެވެ. އެ ގޮތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުގެ ފަހުން ވެސް އެމެރިކާއިން ވަނީ ޔަހޫދީންނަށް 33.16 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ޙުައްދަ ދީފައެވެ. ޔަހޫދީން ގަންނަ ހަތިޔާރުގެ ބޮޑު ބަޔަކަށް ޚަރަދުކުރަނީ ވެސް އެމެރިކާއިން ފޯރުކޮށްދޭ މާލީ އެހީތެރިކަން ބޭނުންކޮށްެގެންނެވެ. އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރުގެ ތެރޭގައި ޓޭންކަރުތަކުގައި ބޭނުންކުރާ ވަޒަނާއި، އެފް-15 ޖެޓާއި އޭގެ ބައިތަކާއި، ބޮމާއި، ގައިޑަންސް ކިޓުތަކާއި ފިއުޒާއި މިސައިލް ހިމެނެއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރިފައިވާ ކުއްލި ޤަރާރުތަކެއްގެ ދަށުން ވެސް އެ ޤައުމުން ޔަހޫދީންނަށް ހަތިޔާރު ވިއްކާފައިވެއެވެ. އެ ގޮތަށް ޢަމަލުކުރުމުން ޤާނޫނުހަދާ މަޖިލީހުން ބަލަންޖެހޭ ކަންކަން ނުބަލައި ހަތިޔާރު ފޯރުކޮށްދިނުމަށް މަގުފަހިވެއެވެ.
2025ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ ވެރިކަމާ ޓްރަމްޕް ހަވާލުވެވަޑައިތަުމަށް ފަހު އޭނާ ވަނީ އޭނާގެ ކުރިން އެ މަޤާމުގައި ހުންނެވި ބައިޑަންގެ ސަރުކާރުން ޔަހޫދީންނަށް 900 ކިލޯގެ ބޮންތަކެއް ފޯރުކޮށްދިނުން މަޑުޖައްސާލާފައި ވަނިކޮށް، އެ ކަން ވެސް މަގުފަހުކޮށްދީފައެވެ. ބައިބޯ ސަރަޙައްދުތަކަށް ހަމަލާ ދިނުމަށް އެހާ ބާރުގަދަ ބޮން ބޭނުންކުރުމުން ލިބޭ ބޮޑެތި ގެއްލުންތަކާ ގުޅޭ ގޮތުން ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚާރިޖީ އެހީތެރިކަން
އަސްކަރީ އެހީތެރިކަމުގެ އިތުރުން ޚާރިޖީ ދާއިރާއިން ވެސް އެމެރިކާއިން ދަނީ ޔަހޫދީންނަށް އެކި ގޮތްގޮތުން އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާގެ އެހީތެރިކަމާއެކު ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ ކުރިން ވެސް އެމެރިކާއިން ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ހައިޞިއްޔަތުން އެ ޤައުމަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު ބޭނުންކޮށް، ޣައްޒާ ޢުދުވާނާ ގުޅޭ ޤަރާރުތައް ފާސްކުރުަމަށް ތަކުރާރުކޮށް ހުރަސްއަޅައިފައެވެ. ޣައްޒާ ޢުދުވާން ފެށުނު ފަހުން މި ފަދަ 6 ޤަރާރަކަށް އެމެރިކާއިން ހުރަސްއަޅާފައިވެއެވެ. އެންމެ ފަހުން އެމެރިކާއިން ޤަރާރަކަށް ހުރަސްއަޅާފައި ވަނީ 2025ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޓްރަމްޕްގެ ސަރުކާރުގެ ދަށުން އެމެރިކާއިން ޢަމަލުކުރަމުންދާ އެއް ސިޔާސަތަކީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީއިން ޔަހޫދީ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ދެކޮޅު ހެދުމެވެ. އައިސީސީއިން ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ބަޒީރު ޔައޮވް ގަލަންޓް ހައްޔަރު ކުރުމަށް ޢަމުރެއް ނެރެފައެވެ.
2025ވަނަ އަހަރުގެ ފެބްރުއަރީ މަހު ޓްރަމްޕް ވަނީ އައިސީސީއަށް ފިޔަވަލުތަކެއް އެޅުމަށް އަމުރުކުރައްވައިފައެވެ. އަދި އެ ކޯޓުން އެެމެރިކާއާއި އެ ޤައުމުގެ ގާތް ބައިވެރިޔާ، ޔަހޫދީންނާ ދެކޮޅަށް ޣައިރު ޤާނޫނީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އައިސީސީގެ ބައެއް އޮފިޝަލުންނާއި އދގެ ރަޕޯޓަޔަރއަކާއި ފަލަސްޠީނުގެ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅުއްވާފައިވެއެވެ. އައިސީސީ ރޫޅާލާނެ ކަމުގެ އިންޒާރު ވެސް އެމެރިކާއިން ދީފައިވެއެވެ.
އޭގެ އިތުރުން ފަލަސްޠީނާ ގުޅުންހުރި ބައެއް ތަހުޤީޤުތައް ހިންގުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ ޖަމްޢިއްޔާ، އުންރުވާއަށް އެހީތެރިވުމަށް އެމެރިކާގެ ފައިސާ ބޭނުން ނުކުރެވޭނޭހެން އެ ޤައުމުން ޤާނޫނެއް ވެސް ފާސްކޮށްފައިވެއެވެ.
ޔަހޫދީންނަށް އެހީތެރިވާތީ ހިތްހަމަނުޖެހުން
އެމެރިކާގެ ސަރުކާރުން މެދުކެނޑުމެއް ނެތި ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަަމަވެސް އާންމުންނާއި ޤަނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ ޚިޔާލު އެކަމުގައި ތަފާތެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ނިއު ޔޯކް ޓައިމްސްއިން ކުރިއަށް ގެންދިޔަ ޕޯލްއެއްގެ ނަތީޖާއިން ދައްކާގޮތުގައި ޑިމޮކްރަޓުންގެ 68 އިންސައްތަ މީހުން އެމެރިކާއިިން ޔަހޫދީންނަށް އިޤްތިޞާދީ އަދި އަސްކަރީ އެހީތެރިކަން ދިނުމަށް ދެކޮޅުހަދައެވެ. އޭގެ ތިން އަހަރު ކުރިން އެ ނިސްބަތް ހުރީ 45 އިންސައްތައިގައެވެ. އަދި ފެބްރުއަރީ މަހު ނެގި އެެހެން ޕޯލްއަކުން ދައްކާގޮތުގައި ޔަހޫދީންގެ ކޮޅަށް މީގެ ތިން އަހަރު ކުރިން ރިޕަބްލިކަނުންގެ 80 އިންސައްތަ މީހުން ތިބި ނަމަވެސް މިހާރު އެ ނިސްބަތް ވަނީ 70 އިންސައްތައަށް ދަށަށް ގޮސްފައެވެ.
ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން ދަނީ އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެ ގޮތުން ޔަހޫދީންނަށް ހަތިޔާރު ވިއްކުން މަނާ ކުރުމަށް ޤަނޫނުހަދާ މަޖިލީހުގެ މެންބަރު ބާނީ ސޭންޑާޒްއާއި ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ މެންބަރުން ވަނީ ބިލެއް ހުށަހަޅައިފައެވެ. ނަމަވެސް ހަތިޔާރު ވިއްކުން ހުއްޓުވުމަށް ކުރަމުުންދާ މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.