ޚަބަރު

އަނިޔާއިން ސަލާމަތްވެގެން ވެންޑައިކް ކުޅުނު ފުރަތަމަ މެޗުން ލިޕަޕޫލް ބަލިވެއްޖެ


އަނިޔާގެ ސަބަބުން ނުވަ މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ލިވަޕޫލް ޑިފެންޑަރު ވަރޖިލް ވެންޑައިކް އެނބުރި އަތުވެއްޖެއެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން ރޭ ކުޅުނު މެޗް 3-4 އިން އެ ޓީމަށް ނާކާމިޔާބުވި ނަމަވެސް ވެން ޑައިކްގެ އިތުރުން އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި ލިވަޕޫލްގެ އަނެއް ޑިފެންޑަރު ޖޯ ގޯމޭޒްވެސް އަލުން އެނބުރި އައިސް ރޭގެ މެޗްގައި ކުޅެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗްގައި ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން މުޅި ސީޒަން ކަހަލަ ގޮތަކަށް ގެއްލުނު ނެދަލޭންޑްސްގެ ޑިފެންޑަރު އަލުން ލިވަޕޫލްގެ ޖޯޒީގައި ފެނިފައިވަނީ ރޭ އެ ޓީމުން ޖަރުމަނުގެ ހާތާ ބާލިންއާ ދެކޮޅަށް އޮސްޓްރިއާގައި ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. އިނގިރޭސި  ޑިފެންޑަރު ގޯމޭޒްއަށް ކުޅުމާ ދުރަށް ދާންޖެހުނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ގައުމީ ޓީމާއެކު ފަރިތަކުރަމުންދަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ވެން ޑައިކް ރޭގެ މެޗަށްފަހު ޓްވިޓާގައި ލިޔުނު މެސެޖެއްގައި ބުނެފައިވަނީ އެނބުރި އައުމަށް ކުރި މަސައްކަތް މިހާ ހިސާބުން އަދި ނުނިމޭ ކަމަށާއި، އަދި މިއީ ފެށުން ކަމަށެވެ.