ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ތައިލޭންޑް މާކެޓަށް


ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ތައިލޭންޑް މާކެޓަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސްއިން ޚާއްސަ ވެބިނަރއެއް ބާއްވައިފިއެވެ.

މި ވެބިނަރ ބާއްވާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މިއީ ތައިލޭންޑްގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލުމާއި ގުޅިގެން އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބޭއްވި ވެބިނަރއެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިއީ ވިޒިޓް މޯލްޑިވްސްއިން މިއަހަރު ފަށާފައިވާ ސިލްސިލާ ވެބިނަރ "ކަނެޓް ވިތް މޯލްޑިވްސް – ޔުއަރ ސޭފް ހެވެން" ގެ ދަށުން ކުރިއަށްގެންދިޔަ 2 ވަނަ ވެބިނަރއެވެ.

މި ވެނބިނަރގެ ތެރެއިން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ތައިލޭންޑް މާކެޓަށް ބުނެދޭނެއެވެ. އަދި ވެބިނަރގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ތައިލޭންޑް މާކެޓާއި ދެމެދު ބަދަހި ގުޅުމެއް ޤާއިމްކުރުމެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ތައިލޭންޑް މާކެޓަށް ފޯރުކޮށްދިނުމެވެ.

މި ވެބިނަރގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގެ ވާހަކަ ވަނީ ހިއްސާކުރައްވާފައެވެ.

މި ވެބިނަރގައި ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ވެބިނަރގެ ތެރެއިން އިނގިރޭސި އަދި ތައިލޭންޑްގެ ބަހުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ހުރިހާ ޕްރޮޑަކްޓެއްގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި ރިސޯޓް، ގެސްޓްހައުސް، ސަފާރީ އަދި ހޮޓެލް ހިމެނެއެވެ.

މި ވެބިނަރގައި ތައިލޭންޑްގެ ފަތުރުވެރިކަމާއި ގުޅުންހުރި 95 ފަރާތުން ވަނީ ބައިވެރިވެފައެވެ. މި ވެބިނަރ ކުރިއަށްގެންގޮސްފައިވަނީ ވިޒިޓް މޯލްޑިވްސްއިން ދާދިފަހުން ލޯންޗްކުރި "މައި ވަރޗުއަލް މޯލްޑިވްސް" ޕްލެޓްފޯމް މެދުވެރިކޮށެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ވަރޗުއަލްކޮށް ރޯޑްޝޯ، އެގްޒިބިޝަން، ވެބިނަރ، އަދި އެހެނިހެންވެސް ވަރޗުއަލް ހަރަކާތްތައް ބޭއްވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.