ޚަބަރު

ޗެނަލް-13ގެ ޕްރޮގްރާމެއްގެ ކޮންޓެންޓާއި ގުޅޭ މައްސަލައެއް ބަލަނީ


ޗެނަލް-13 އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގެ ކޮންޓެންޓާއި ގުޅޭ މައްސަލައެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ބްރޯޑްކޮމުން ބުނީ ޗެނަލް-13 އިން ރޭ ގެނެސްދިން "ހަޖަމް" ޕްރޮގްރާމްގެ ކޮންޓެންޓް އެ ކޮމިޝަންގެ ސަމާލްކަމަށް އައިސްފައިވާކަމަށެވެ. މިއާއެކު އެ ކޮމިޝަނުން މައްސަލަ ބެލުމުގައި ގެންގުޅޭ އިޖުރާޢަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާކަން ބްރޯޑުކޮމްއިންވަނީ ހާމަކޮށްފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް-13ގެ ޕްރޮގްރާމެއްގެ ކޮންޓެންޓުގެ މައްސަލަ ބަލަންފަށާފައިވާއިރު، ރޭ ގެނެސްދިން އެ ޕްރޮގްރާމްގައި ޕްރޮސިކިއުޓަރ ޖެނަރަލް ހުސައިން ޝަމީމްއާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތައް ހިމެނޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައިވަނީ އާންމުވެފައެވެ. އެ ޕްރޮގްރާމްގައި ޕީޖީ ޝަމީމްއާ ގުޅޭގޮތުން ޖިންސީ ގޯނާކުރުމާއި، ކޮރަޕްޝަންގެ ކަންކަމަށް ތުހުމަތުކޮށްވަނީ ހަޑިހުތުރު ވާހަކަތަކެއް ގެނެސްދީފައެވެ.

މީގެ ކުރިންވެސް ޗެނަލް-13އިން ގެނެސްދިން މި ފަދަ ޕްރޮގްރާމެއްގައި ބަސްމަގު ބޭނުންކޮށްފައިވާ ގޮތާގުޅޭ މައްސަލައެއް ބެލުމަށްފަހު ބްރޯޑްކޮމްއިން ވަނީ އެކަން ރަނގަޅުކުރަން ޗެނަލް-13އަށް އަންގާފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުންވަނީ ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި، ބްރޯޑްކާސްޓްކުރުމުގެ އުޞޫލުތައް ހިފެހެއްޓުމަށް ހުރިހާ ބްރޯޑްކާސްޓަރުންވެސް ނަސޭހަތްތެރިވެފައެވެ.