ޚަބަރު

ކުޑަކުދިންނަށް އަންނަ ހަފްތާތެރޭގައި ވެކްސިން ޖަހަން ފަށާނެ: ރައީސް


ވެކްސިން ޖެހޭ އުމުރުފުރައިގެ ކުޑަކުދިންނަށް އަންނަ ހަފްތާތެރޭގައި ވެކްސިިން ޖަހަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް 19އިން ދިފާޢުވުމަށް ޖަހާ ވެކްސިންތަކުގެ ތެރޭގައި އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ޖެހޭނެ ވެކްސިނެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންއިން ކަނޑައަޅާފައިވަނީ ފައިޒަރ ވެކްސިންއެވެ.

ނޫސްވެރިންގެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ 12 އަހަރުން މަތީގެ އަބާދީގެ ހުރިހާ އެންމެނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވެކްސިން ޖެހޭ އާބަދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އާންމު ހާލަތަކަށް ރުޖޫއަ ވެވޭނީ 12 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިން ޖަހާ ނިމުމުންކަމަށެވެ.

"ރާއްޖޭގައި ވެކްސިން ޖެހޭ އެންމެނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވަނީ އިރާދަކުރެއްވިއްޔާ. އަޅުގަނޑުގެ އިލްތިމާސަކީ ވެކްސިން ޖެހޭ ބޭފުޅުން ވީހާވެސް އަވަހަށް ވެކްސިން ޖެހުން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދަޅުވީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 80 އިންސައްތަ މީހުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. އަދި ދެވަނަ ޑޯޒް 69 އިންސައްތަ މީހުން ފުރިހަމަކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލެ ސަރަޙައްދުގެ ވެކްސިން ޖެހޭ އެއްލައްކަ އައްޑިހަ އެއްހާސް މީހުންގެ ތެރެއިން 82 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާކަމަށެވެ. އަދި 70 އިންސައްތަ މީހުން 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ ހަފްތާގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމް ފަށަން ނިންމާފައިވާއިރު މިހާރު ރާއްޖެއަށް ވަނީ އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ފައިޒާ ވެކްސިންގެ 128700 ލިބިފައެވެ. އަދި މިހާރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލް ދަރިވަރުން ވެކްސިން ޖެހުމަށް ތައްޔާރުވުމަށް ސްކޫލްތަކަށް އަންގާފައެވެ. މިގޮތުން އެކުދިންގެ ލިސްޓް އެކުލަވާލުމާއި ބެލެނިވެރިންގެ ހުއްދަ ހޯދުމުގެ މަސައްކަތް ސްކޫލްތަކުން އަންނަނީ ކުރަމުންނެވެ.