ވިޔަފާރި

ރަށު ފަތުރުވެރިކަމާއެކު ރަސްދޫއަށް އިޤްތިޞާދީގޮތުން ބޮޑު ކުރިއެރުމެއް


ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމް މިއަދު ރާއްޖޭގެ ގިނަ ރަށްރަށުގައި އަންނަނީ ކުރިއަރަމުންނެވެ. ރަށު ފަތުރުވެރިކަމުގެ ސަބަބުން އެރަށަކަށް އިޤްތިޞާދީ ގޮތުން ލިބޭ ފުދުންތެރިކަން ނުހަނު ބޮޑެވެ. ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރިއަރާފައިވާ އެއް ރަށަކީ އއ. ރަސްދޫއެވެ.

ރަސްދޫއަކީ އއ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. ވެރިކަންކުރާ ރަށަށް ވުމުގެ ސަބަބުން ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް މިރަށަށް ގިނަ ފައިދާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ރަށުގައި ފަތުރުވެރިންނަށް ބޭނުންވާނެ ގިނަ އަސާސީ ޚިދުމަތްތައް ލިބެއެވެ.

ރަސްދޫގައި 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. މި ގެސްޓްހައުސްތަކުން ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދު 400 އިން މައްޗަށް އަރައެވެ. ކޯވިޑްގެ ސަބަބުން ރާއްޖޭގެ އެހެން ގެސްޓްހައުސްތަކެކޭ އެއްފަދައިން ރަސްދޫގެ ގެސްޓްހައުސްތަކަށްވެސް ވަނީ ދަތި އުނދަގޫ ދުވަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް މިކަމުން މިހާރު މަޑުމަޑުން މިރަށުގެ ގެސްޓްހައުސްތައް އަންނަނީ އަރައިގަންނަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން 2018 ގައި ގެސްޓްހައުސް ވިޔަފާރި ފެށި ރަސްދޫ ކުއިކް ސޭންޑް ގެސްޓްހައުސްގެ ވެރިޔާ އަބްދުﷲ ސަމީރު ވިދާޅުވީ، ކޯވިޑްގެ ސަބަބުން 8 މަސްދުވަސް ގެސްޓްހައުސް ބަންދުކޮށްފައި ބަހައްޓަންޖެހުނު ކަމަށެވެ. ނަމަވެސް މިހާރު ގެސްޓްހައުސް ވިޔަފާރި މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށެވެ.

"ކޯވިޑް މުޅި ދުނިޔެއަށް ފެތުރިގެން ދިޔާމައި އޭގެ ސަބަބުން ހުރިހައި ވިޔަފާރިތަކަށްވެސް ލިބުނު ގެއްލުމުގައި ކުދި ގެސްޓްހައުސްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ. އެކަމާއި ގުޅިގެން 8 މަސްދުވަހު ވިޔަފާރި އެއްކޮށް ބަންދުވެފައި ހުރެފައި މިދިޔަ އަހަރުގެ ނޮވެމްބަރ ގައި އަޅުގަނޑުމެން އަނެއްކާވެސް ހުޅުވައިގެން ކުރިއަށްދެވޭތޯ މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ ހުޅުވުނީއްސުރެ އަޅުގަނޑުގެ ވިޔަފާރި ހަމަ އެވްރެޖްކޮށް ރަނގަޅޭ ދެންނެވޭނީ. ގާތްގަނޑަކަށް %70 އޮކިއުޕަންސީގައި ހަމަ ހިފެހެއްޓޭ. މިރަށުގެ އެހެން ތަންތަނަށްވެސް ހަމަ ކުރެވޭ މަސައްކަތާއި އަޅާބަލާފައި އެކަށީގެންވާ ވަރަކަށް އާމްދަނީ ލިބޭކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." އަބްދުﷲ ސަމީރު ވިދާޅުވިއެވެ.

ޝެލޯ ލެގޫން ރަސްދޫގެ ވެރިޔާ އަޙްމަދު މުސްތަފާވެސް ވަނީ ކޯވިޑަށްފަހު ގެސްޓްހައުސް ވިޔަފާރި މިހާރު ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްފައެވެ. އެގޮތުން މިމަހުގެ ވިޔަފާރި ރަނގަޅުކަމަށާއި އަދި އަހަރުގެ ކުރިއަށްވެސް ބުކިންތައް ލިބެމުން އަންނަކަން ފާހަގަކުރިއެވެ.

"ޕެންޑަމިކާއި ގުޅިގެން ހުއްޓުނުފަހުން އަދިކިރިޔާ އިނގޭތޯ މި ފެށުނީ. މިއޮއްހާދުވަހު މިދިޔައީ ވަރަށް ބޮޑު ގެއްލުމެއްގައި. މިހާރުގެ ވިޔަފާރި މިމަހު ވަރަށް ރަނގަޅުވާނެ. އަޅުގަނޑުމެންގެ އޮކިއުޕަންސީ ރޭޓް ހަމަ %100 ނުވަތަ %99 ގައި އުޅޭނެ. އަޅުގަނޑުމެން ވިޔަފާރީގައި ގާތްގަނޑަކަށް ހުރިހައި ތަނެއްވެސް ވަރަށް ފުލްކޮށް މިދަނީ. ރަށްރަށް މޮނިޓަރިންގެ ހާލަތައް ނުގެންގޮސް ދާކަމަށް ވަނީނަމަ ގެސްޓުން ހަމަ ޓްރެވެލް ކުރާނެހެން ހީވަނީ. ކުރިއަށް އެބައޮތް ވަރަށް ބައިވަރު ބުކިން." މުސްތަފާ ވިދާޅުވިއެވެ.

ރަށު ފަތުރުވެރިކަން ތަރައްޤީވެ ފުޅަވުމަކީ އޭގެ ސަބަބުން ރަށެއްގެ އިޤްތިސާދާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމެކެވެ. ރަސްދޫއިން ފެންނަނީ މި މަންޒަރެވެ. ރަށުގެ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުންވެސް ގެސްޓްހައުސް ވިޔަފާރިއާއިއެކު މުޅި ރަށުގެ ފުދުންތެރިކަން އިތުރުވެފައިވާކަމަށް ޤަބޫލުކުރެއެވެ. ސަބަބަކީ ރަށު ފަތުރުވެރިކަމުގެ މަންފާ ނުކުރާ އާއިލާއެއް މިއަދު އެރަށުގައި ނެތުމެވެ. ކަންމަތީ ފިހާރައިން ފެށިގެން ރެސްޓޯރަންޓްތަކާއި ގޭގައި ހުރެގެން މަސައްކަތްކުރާ މީހާއާއި ހަމައަށްވެސް މިއަދު ގެސްޓްހައުސް ވިޔަފާރީގެ މަންފާ ވަނީ ކޮށްފައެވެ.

ރަސްދޫގެ ޒުވާނުން ރަށު ފަތުރުވެރިކަމުގައި އަންނަނީ މަސައްކަތްކުރަމުންނެވެ. ޒުވާނުން އިސްވެ އުޅުމަކީ މިކަން ކުރިއަރައިގެންދާނެކަމެކެވެ. މިރަށުގެ ގެސްޓްހައުސްތަކުގައި ފަތުރުވެރިންނަށް ޙިދުމަތްދެމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށެވެ.

މިރަށުގައި ގެސްޓްހައުސް ވިޔަފާރިކުރާއިރު މިކަމުގައި ގޮންޖެހުންތަކެއްވެސް ހުރިކަމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބުނެއެވެ. އޭގެތެރޭގައި މި ވިޔަފާރި ކުރިއެރުވުމަށް މިހާރަށްވުރެ ބޮޑަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ ރަސްދޫގެ ވިޔަފާރި އޮތީ ހަމަ ވަރަށް އުޖާލާކޮނޭ. އެހެންނަމަވެސް އޮތް ގޮންޖެހުމަކީ އަޅުގަނޑުމެން ކަހަލަ 10 ނުވަތަ 7 ކޮޓަރި ގެންގުޅޭ މީހަކަށް އަމިއްލައަށް ފެއަރތަކަށް ގޮއްސަ ވިއްކާކަށް މަސައްކަތެއް ނުކުރެވޭނެ. އެހެންވީމަ މި ދެންނެވީ ސަރުކާރުން އެބަޖެހެޔޭ ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން މީތި ޕްރޮމޯޓްކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައިދީ ވިޔަފާރިތައް މިހާރަށްވުރެ ބޮޑަށް ފުދިގެން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ވޭތޯ މަސައްކަތް ކޮށްދިނުން. އެއިރުން އެންމެ ފޮނި ނަތީޖާ އަޅުގަނޑުމެންނަށް ލިބިގެންދާނީ." އަބްދުﷲ ސަމީރު ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ރަސްދޫގެ ގެސްޓްހައުސް ވިޔަފާރިއަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ އެރަށުގެ ކައިރީގައިއޮތް މަޑިވަރު ފިނޮޅު ހަލާކުވެގެންދާ މައްސަލައެވެ. އއ. އަތޮޅު މަޑިވަރު ފަޅުގައި ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި، ހިއްކައިގެން ހަދާފައިވާ ވެލިފިނޮޅު ކިޔާ ރަށް ބޮޑު ކުރަން ފަޅު ހިއްކުމުގެ ސަބަބުން މަޑިވަރު ފިނޮޅަށް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ. އެކަމާއި ގުޅިގެން އެ މަޝްރޫއު މަޑުޖައްސާލަން އީޕީއޭއިން މިހާރު ވަނީ އަންގާފައެވެ.

ރަސްދޫގައި ފަތުރުވެރިން މޫދަށް އެރިލާނެ ރީތި މޫދެއް ނެތުމުގެ ސަބަބުން ރަށަށް އަންނަ ގިނަ ފަތުރުވެރިން މޫދަށް އެރިލުމާއި މޫދު ކުޅިވަރުގެ އެކި ކަންކަމަށް ބޭނުންކުރަނީ މަޑިވަރު ފިނޮޅެވެ. މިއީ އެރަށުގެ ރަށު ފަތުރުވެރިކަމުގައި %90 ހިއްސާކުރާ ފިނޮޅެއްކަމަށް އެރަށު ގެސްޓްހައުސް ވިޔަފާރިކުރާ މީހުން ބުނެއެވެ.

ލޯކަލް ޓުއަރިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މަސައްކަތްތަކުގެ އެންމެ އިސްކަން ދެއްވާ އެމަސައްކަތަށްވާއިރު، ލޯކަލް ޓުއަރިޒަމް އިތުރަށް ފުޅާކުރެވޭނީ ރަށްރަށުގައި ލިބެން ހުންނަ ޚިދުމަތްތައް އިތުރުކޮށްގެންކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެހެންކަމުން ރަށްރަށުގައި އަސާސީ ހިދުމަތްތަކުގެ އިތުރުން، ފަތުުރުވެރިންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ލިބޭނެކަން ޔަޤީންކުރަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.