ޚަބަރު

މާލޭގެ ތަރައްޤީގެ އާ ޕްލޭނަށް އަމަލުކުރަން ފެށުމަށް ތައްޔާރުވަނީ


މާލެ ތަރައްޤީ ކުރުމުގެ ގޮތުން ހަދާފައިވާ އާ ޕްލޭންގެ ފިޒިކަލް ސާރވޭގެ ފުރަތަމަ ބައި މި މަހުގެ ތެރެގައި ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މިހާރު ސާރވޭ ކުރިއަށްދަނީ، މާލޭގެ އެންމެ ތޮއްޖެހިފައިވާ ބްލޮކްތައް ބަލައިގެން ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މާލޭގެ ތޮއްޖެހުން ކުޑަކޮށް، ހިތްފަސޭހަ ތަނަކަށް ހެދުމަށް ބޮޑެތި ބަދަލުތަކާއެކު މާލޭގެ ތަރައްޤީގެ، އާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.ސިންގަޕޫރު ސަރުކާރުގެ އިރުޝާދާއެއްގޮތަށް، އެ ޤައުމުގެ ނޭޝަނަލް ޔުނިވަރސިޓީގެ ޕްރޮފެސަރަކާއި، އޭނާގެ ޓީމާއެކު ފެށި ޕްލޭންގެ އަމަލީ  މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް ހައުސިން މިނިސްޓްރީންދަނީ ތައްޔާރުވަމުންނެވެ.ސިންގަޕޫރްގެ ޓީމްގެ މަސައްކަތް ނިންމައި، ސަރުކާރަށް ލަފާ ދެއްވާފައިވާއިރު، މާލޭގައި ތޮއްޖެހިފައިވާ ސަރަހައްދުތައް ބަލައި، ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންއަންނަ ކަމަށް،  ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.މިހާރު ކުރިއަށްދާ ސާރވޭ ނިމުމުން ތަންފީޒީ މަރުހާލާ ފަށައިގަނެވޭނެކަން ފާހަގަ ކުރައްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަހްމަދު ހަބީބް ވިދާޅުވީ، ޕައިލެޓް ޕްރޮޖެކްޓްގެ ނަތީޖާއަށް ބަލައި، މުޅި މަޝްރޫއު އެކުލަވާލެވޭނެ ކަމަށެވެ."މާލޭގެ އެންމެ ޑެންސިް ހިސާބަކުން ބްލެކެއް މި ނަގަނީ، ނަގާފަ އެތާގަ ތިބިމީހުން ހުސްކޮށް މަގުފުޅާ ކޮށްފައި، މުޅިން އާ ޑިޒައިނަކަށް އެތަންތަން ބިލްޑް ކުރާ ކަަމށްވަންޏާ ހުންނާނެ ބައިވަރު ޗެލެންޖެސް. އެ ޗެލެންޖެސް ގިރާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެނގިގެންދާނެ ސާރވޭ ނިމުނީމަ" އަހްމަދު ހަބީބް ވިދާޅުވިއެވެ. މިޕްލޭންގެ ދަށުން މިހާރުވެސް ހިންގާ ބައެއް މަޝްރޫއު ތަކުގެ ތެރޭގައި، މާލޭގައި އިޖްތިމާއީ ގޮތުން އުޅެވޭނެ ޖާގަތައް ހެދުމާއި، މާލޭގެ މަގުތައް ތަރުތީބު ކުރުމާއި، ގަރާޖް ފަދަ ތަންތަން ވަކި ސަރަހައްދަކަށް ބަދަލްކުރުންވެސް ހިމެނެއެވެ.