ވިޔަފާރި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެއާ ހަމައަށް ރާއްޖެއަށް 705،024 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %81.2 އިތުރުވުމެކެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 389،187 ފަތުރުވެރިންނެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް މިމަހު އުޅެނީ 4000 އިން މަތީގައެވެ. މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 4877 ފަތުރުވެރިން އާދެއެވެ. މިއީ މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާ މަތިވި ފުރަތަމަ ފަހަރެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެދުވަހު 6083 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރުވެސް މިހާރު ވަނީ އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. ރާއްޖެ އައި ފަތުރުވެރިންގެ %22 ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިންނެވެ. އިންޑިއާ %18.9 ހިއްސާކުރާއިރު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ. އެއީ %5.7 އެވެ.

މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް ރާއްޖޭގައި 813 ތަނެއް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ އެނދުގެ ނިސްބަތުން ބަލާނަމަ 50،040 އެނދެވެ. މީގެތެރެއިން %74 އެނދު ހިއްސާކުރަނީ ރިސޯޓްތަކުންނެވެ. %18 ގެސްޓްހައުސްތަކުން ހިއްސާކުރާއިރު %5 އަކީ ސަފާރީތަކެވެ. އަދި %3 އަކީ ހޮޓެލްތަކެވެ.