ދުވަހު ކުއްޔަށްދޭ ބައެއް ތަންތަން އޮޕަރޭޓްކުރަމުން ދަނީ ޤަވައިދާ ހިލާފަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިން ތިބޭ ތަންތަން ބަލާ ފާސްކުރުމަށް މާސް އިންސްޕެކްޝަނެއް ފަށާފައެވެ. މި އިންސްޕެކްޝަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހިމް ފަރުހާދު ވިދާޅުވީ، މި އިންސްޕެކްޝަންގައި މިހާރު މުޅި ޖުމްލަ 26 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި މި އިންސްޕެކްޝަންގެ ތެރެއިން ކޯވިޑްގެ ހާލަތާއި ގުޅިގެން ނަގަންޖެހޭ ހުއްދަތައް ނަގާފަ ހުރިތޯއާއި ޓޫރިޒަމް މިނިސްޓްރީގެ ގެސްޓްހައުސް ޤަވައިދުތަކާއި އަދި އެހެނިހެން އިދާރާތަކުގެ ޤަވައިދުތަކާއި އެއްގޮތައް ގެސްޓްހައުސްތައް އަމަލުކުރޭތޯ ބަލަމުންދާކަމަށް ފަރުހާދު ވިދާޅުވިއެވެ.
"އިއްޔެގެ ނިޔަލާއި ހަމައަށް މާސް އިންސްޕެކްޝަންގައި މުޅި ޖުމްލަ 26 ތަނެއް ޗެކްކުރެވިއްޖެ. އެއީ 16 ގެސްޓްހައުސް އަދި 3 ހޮޓެލް އަދި އޭގެ އިތުރުން 7 ދުވަހު ކުއްޔަށް ކޮޓަރިދޭ ތަންތަން." ފަރުހާދު ވިދާޅުވިއެވެ.
މި އިންސްޕެކްޝަންގައި މިވަގުތު ބަލާފައިވަނީ މާލެ ސަރަހައްދުގެ ތަންތަން އެކަންޏެވެ. އިންސްޕެކްޝަންގައި އަތޮޅުތެރޭގެ ހުރިހާ ތަނެއް ބަލާ ފާސްކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އިންސްޕެކްޝަންގެ ތެރެއިން ފާހަގަވާ ކަންތައްތައް ރަނގަޅު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ އެތަންތަނަށް އަންގަމުންނެވެ.
މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި މިއިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މިނިސްޓްރީ އޮފް ޓުއަރިޒަމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި އެޗްޕީއޭ ގުޅިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިހާރުވެސް ގެސްޓްހައުސް އުސޫލުގެ ތެރެއަށް ފެއްތޭނެ ބައެއް ގޭގެ އެބަހުރިކަމަށެވެ. އެހެންކަމުން ޤަވައިދާއި ހިލާފަށް މީހުން ގެނެސްގެން ބޭތިއްބުމުގެ ބަދަލުގައި ގެސްޓްހައުސް ޤަވައިދާ އެއްގޮތައް ނަގަންޖެހޭ ހުއްދަތައް ނަގައިގެން އެކަން ކުރުން މާރަނގަޅު ކަމަށެވެ. ކުރީގައި އޮޕަރޭޓިން ލައިސަންސް ނެގުމަށް 14 ދުވަހުން ނުވަތަ 15 ދުވަހުގެ މުއްދަތެއް ނެގިނަމަވެސް މިހާރު ރަށްރަށުގެ ކައުންސިލްގެ އެއްބާރުލުމާއިއެކު 4 ދުވަހުން އޮޕަރޭޓިން ލައިސަންސް ލިބޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.