މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ، ދިވެހިރާއްޖޭގެ އިގްތިސާދުގެ އެއް މައިނާރެވެ. ވަކިން ހާއްސަކޮށް މަސްވެރިކަމަކީ ރާއްޖެތެރޭގެ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދިރިއުޅުމާއި އާމްދަނީއާއި ވަރަށް ބޮޑަށް ގުޅިފައިވާ ސިނާއަތެކެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާއަތަށް ލިބޭނެ ކުރިއެރުމަކީ ރާއްޖޭގެ ގިނަ ބަޔަކަށް އެކަމުގެ ސީދާ ފައިދާކުރާނެ ކަމެކެވެ. މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ އެންމެ ބޮޑު، އަދި އެންމެ މުހިއްމު އެއް މަސައްކަތަކީ މިފްކޯގެ ތަރައްޤީއަށްކުރާ މަސައްކަތެކެވެ.
އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ "އެކްސްޕޭންޝަން އޮފް ކެޕޭސިޓީޒް އޮފް މިފްކޯ" މަޝްރޫއުގެ އިމްޕްލިމެންޓޭޝަންގެ ފުރަތަމަ މަރުހަލާ ފުރިހަމަ ކުރެވިފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނެ ކޮންޓްރެކްޓަރެއް ހޮވުމުގެ މަރުހަލާ އަވަސް މުސްތަގްބަލެއްގައި ފެށުމަށްވަނީ ހަމަޖެހިފައިވާކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ތައްޔާރުކޮށްފައިވަނީ ދިވެހި ސަރުކާރުން ހޮވާފައިވާ ފަރާތަކުންކަމަށާއި އަދި މި ރިޕޯޓް ވަނީ އިންޑިއާ ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީތަކުން ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ފުރިހަމަ ކުރުމަށް ނަގާނެ ކަމަށް ލަފާކުރެވެނޭ 2 އަހަރު ދުވަހުގެ މުއްދަތެއްކަމަށްވެސް މިފްކޯއިން ލަފާކުރެއެވެ.
މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓްގައިވާ ގޮތުން މަޝްރޫއުގެ ޑީ.ޕީ.އާރުގައިވާގޮތުން، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ރިފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ގާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ގާއިމް ކުރުމާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވާހައުސް އެއް ގާއިމް ކުރުން ހިމެނެއެވެ.
މީގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސްދަޅު އުފައްދާ އިތުރު ފެކްޓަރީއަކާއި، ދުވާލެއްގެމައްޗަށް 100 ޓަނުގެ ކަނޑުމަސް ޕްރޮސެސްކޮށް ދަޅުމަހާއި، ކައްކާ ގަނޑުކުރެވިފައިވާ މަސްބުރި އަދި ޕައުޗް ފަދަ އެތައް ޕްރޮޑަކްޓް އުފެއްދޭ ފެސިލިޓީއެއްގެ އިތުރުން، ދުވާލެއްގެ މައްޗަށް 40 ޓަނުގެ 'ފިޝްމީލް' އުފެއްދޭ ޕްލާންޓްއަކާއި، ދުވާލެއްގެމައްޗަށް 50 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއްގެ އިތުރުން 100 ޓަނުގެ އައިސް ސްޓޯރެޖް ކެޕޭސިޓީއެއް ގާއިމް ކުރެވޭނެއެވެ.
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން މިމަޝްރޫޢުގެ ދަށުން ގެމަނަފުށީގައި ދުވާލެއްގެމައްޗަށް 50 ޓަނުގެ އައިސް އުފައްދާ އައިސްޕްލާންޓެއް ގާއިމް ކުރުމުގެ އިތުރުން 10 ވަރަކަށް ޝިޕިން ކޮންޓެއިނަރު ޓްރާންސްޕޯޓް ކުރެވޭ ލޭންޑިން ކްރާފްޓެއް ވެސް ގާއިމް ކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.
'އެކްސްޕޭންޝަން އޮފް ކެޕޭސިޓީޒް އޮފް މިފްކޯ' ނުވަތަ މިފްކޯގެ ތަރައްޤީއަށް ހިންގާ ބިޔަ މަޝްރޫއުއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވޭ އިސްތިރާޖީ އިންވެސްޓްމެންޓެކެވެ. އަދި މިފްކޯ އެކްސްޕޭންޝަން މަޝްރޫއު އަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ސިގްނަލްކުރި އެންމެ ފުރަތަމަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ސަބަބުން މަސްވެރިންނަށް ދިމާވެފައިވާ ޕްރޮސެސިން ކެޕޭސިޓީއާއި ސްޓޯރެޖްގެ ދަތިތަކަށް އެތައް ލުއެއް ލިބިގެންދާނެކަމަށާއި، ދިވެހި މަސްވެރިންގެ އާމްދަނީ އިތުރުވުމަށް މަގުފަހި ވެގެންދާނެއެވެ.
މި މަޝްރޫއުގެ މަސައްކަތް ފުރިހަމަކުރެވި އޮޕަރޭޝަނަލައިޒް ކުރެވުމުން ދިވެހި މަސްވެރިކަމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ. އަދި މި މަޝްރޫއުގެ ސަބަބުން ފިޝަރީޒް އެކްސްޕޯޓުން ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ޓެކްނޮލޮޖިކަލް ކުރިއެރުމެއް ލިބި، ޒަމާނީ ކުލަ ޖެހިގެންދާނެއެވެ.