ކުޅިވަރު

އެންމެ ފަހުން ކޭން ޓޮޓެންހަމްގައި މަޑުކުރަން ނިންމައިފި


މެންޗެސްޓާ ސިޓީއިން ހޯދަން މަސައްކަތް ކުރަމުން އަންނަ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޓޮޓެންހަމް ހޮޓްސްޕާސް ގައި މަޑުކުރުމަށް ނިމައިފިއެވެ. މިފަހަރުގެ ޓްރާންސްފަރ އެންމެ ބޮޑު ވާހަކައަކަށް މީޑިޔާގައި އަޑު ފެތުރިފައިވަނީ ކޭން ލީގް ޗެންޕިއަން މެންޗެސްޓަރ ސިޓީއާއި ގުޅޭނެ ވާހަކައެވެ. ކޭން ވަނީ ނިމިގެންދިޔަ ޕްރިމިއަރ ލީގް ސީޒަން ނިމުމާއެކު ޓޮޓެންހަމް ދޫކޮށްދާން ބޭނުންވާކަން އެކުލަބަށް އަންގާފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ކޭން ޓޮޓެންހަމް ދޫކޮށްދާން ބޭނުންވީ ތައްޓެއް ހޯދުމުގެ ބޭނުމުގައެވެ. ކޭން ޓޮޓެންހަމްގައި ހޭދަކުރި ދުވަސްވަރުގައި އެޓީމާއެކު މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

ޓްރާންސްފަރގެ ވާހަކައަށް ނިމުމެއް ގެނައުމަށް އިންގްލެންޑް ކެޕްޓަން ހެރީ ކޭން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިސީޒަންގައި ޓޮޓެންހަމްގައި މަޑުކުރަން ނިންމާފައިވާކަމަށާއި މިހާރު ކުލަބަށް ކާމިޔާބު ހޯދައިދޭން 100 ޕަސެޓް ފޯކަސް ކޮށް އެމަސައްކަތް ކުރަން ބޭނުންވާކަމަށެވެ.

މެންޗެސްޓަރ ސިޓީއިން ކޭން ހޯދުމަށް 140 މިލިއަން ޑޮލަރު ހުށައެޅި ނަމަވެސް އެބިޑް ޓޮޓެންހަމުން ވަނީ ބަލައިނުގަނެ ދޫކޮށްލާފައެވެ. ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލިވީ ވަނީ ކޭން އެދޭ ގޮތަށް އޭނާ ދޫކޮށްލަން އަނގަބަހުން އެއްބަސްވެފައި ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެކަމަކު، ލިވީގެ ޝަރުތަކީ ކޭން އަށް ޓޮޓެންހަމް އިން ޑިމާންޑްކުރާ ފީ ދެވޭނެ ގޮތެއް ސިޓީން ކަނޑައެޅުމެވެ. ކޭން ދޫކޮށްލަން ޓޮޓެންހަމުން ކިޔާ އަގަކީ 200 މިލިއަން ޑޮލަރުއެވެ. ސިޓީން ބޭނުންނަމަ ބަހާލައިގެން ވެސް މި ފީ ދެއްކިދާނެއެވެ. ނަމަވެސް މިއަގުގައި ކޭން ސިޓީއަށް ގެންގަން އެޓީމުން ބޭނުމެއް ނުވާކަމަށް މީޑިޔާ ތަކުން ރިޕޯޓް ކުރެއެވެ. އެއީ މިސީޒަންގައި ސިޓީންއިން އެސްޓަން ވިލާއަށް ކުޅެމުން އަންނަ ޖެކް ގްރީލިޝް އެޓީމަށް 140 މިލިއަން ޑޮލަރަށް ނެގެސްފައިވާތީއެވެ.