ވިޔަފާރި

މާނަގަލާ ހެޗަރީ ތަރައްޤީކުރުމުގެ %90 މަސައްކަތް ނިމިއްޖެ: ފިޝަރީޒް މިނިސްޓްރީ


ގއ. މާނަގަލާގައި މެރިކަލްޗަރގެ މަސައްކަތްކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޙަސަން ރަޝީދު ވިދާޅުވީ މާނަގަލާގައި އިމާރަތްކުރަންޖެހޭ ތަންތަނުގެ މަސައްކަތްތަކުގެ 90 އިންސައްތަ ނިމިފައިވާކަމަށެވެ. މާނަގަލާގައި ތަރައްޤީކުރާ ފެސިލިޓީއަކީ ހެޗަރީގެ މަސައްކަތްކުރާ ތަނެކެވެ. ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ މާނަގަލާގައި ހެޗަރީގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިޢުލާން ކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

" މިހާރު އޭތި އެނައުސްކުރުމުގެ ހިސާބުގަ އޮތީ، އެމަސައްކަތްކުރަން ބަޔަކު އައިސް މަލްޓް ސްޕީސީސް ހެޗަރީ ތައްޔާރުކޮށްގެން އެމަސައްކަތްކުރަން، އެ ބޭފުޅުން ދިރިއުޅޭނެ ތަނާއި، ހުރިހާ ތަނަކާއި ކަރަންޓާއި ހުރިހާ ކަމެއް އެރަށުގައި ހުރީ ރެޑީކޮށް،" ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވިއެވެ.

މާނަގަލާ ހެޗަރީން ތަކެތި އުފެއްދުމަށްފަހު ބޮޑުކުރުމަށް މި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ދޫކުރާނެކަމަށާއި މިތަނުން އުފައްދާ މައިގަނޑު ބާވަތްތަކަށް ވާނީ ކުދި ހުއިފިލަނޑާއާއި، ފާނައިގެ އިތުރުން އެން ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެކުރިންވަނީ ހާމަކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީންދަނީ ކ. މަނިޔަފުށީގައި މެރިކަލްޗަރ ޓްރެއިނިންގ ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ ރިސަރޗް އެންޑް ޑެމޮންސްޓްރޭޓިވް ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުވެފައިކަމަށެވެ. އަދި މިހާރުވެސް އެރަށުގައި ފާނަ އާލާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މެރިކަލްޗަރ ނުވަތަ ކަނޑުފަޅުގައި ކަނޑުގެ ދިރުންތައް އަލާކޮށް ދިރުވުމުގެ މަސައްކަތް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ފިޝަރީޒް މިނިސްޓްރީން ދަނީ ކާމިޔާބުކަމާއެކު ފާނަ އަލާ ކުރުމުގެ ޕްރޮޖެކްޓެއް އދ. އަތޮޅުގައި ކުރިއަށްގެންދަމުންނެވެ.