ޚަބަރު

މީޑިއާގައި ދައުރުވަމުންދަނީ ޞައްޙަ އޯޑިއޯތަކެއް ނޫން - ފަނޑިޔާރުން


މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާ އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް މިއޯޑިއޯތަކުގައި ވާހަކަދައްކަވާފައި ވާކަމަށްބުނާ ކްރިމިނަލް ކޯޓުގެ 3 ފަނޑިޔާރުން ވިދާޅުވެއްޖެއެވެ.

އެފަނޑިޔާރުން މިކަން ހާމަކޮށްފައިވަނީ ކްރިމިނަލް ކޯޓުން ބެއްލެވި ރައީސް ޔާމީންގެ މައްސަލައިގެ ޙުކުމް ކުރެއްވުމުގައި އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލައާ ގުޅިގެން ޖުޑީޝަލް ސަރވިސުން ކުރިއަށްގެންދާ ތަހުޤީގަށް ދެއްވި މަޢުލޫމާތުގައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ އިއްޔެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ ފަށައިފައެވެ. މި ތަޙުޤީގާއި ގުޅޭގޮތުން ޖޭއެސްސީން ނޫސްނެރުނު ބަޔާނެއްގައި ވިދާޅުވީ، މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާ، އެ ކޯޓުގެފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާ، ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައިވާކަމަށެވެ.

މިމައްސަލައިގެ ތަޙުޤީގުގައި 3 ފަނޑިޔާރުންވެސް ވަނީީ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ވިދާޅުވެފައިކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި 2 ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލާއި ސުވާލުކޮށް މަޢުލޫމާތު ސާފުކުރެވުނުކަންވެސް ޖޭއެސްސީންވަނީ ވިދާޅުވެފައެވެ. އަދި އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް އެ 2 ފަނޑިޔާރުންވެސް ދޮގުކުރައްވާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީން ވިދާޅުވީ، މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި އެ ކޮމިޝަނުން މިހާރުވާނީ އެދިފައިވާކަމަށެވެ. މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެފަނޑިޔާރުންކަމަށް ބުނާ ފަނޑިޔާރުން ރުހުންދީފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން މިކޮމިޝަނުން ބަލަމުންދާކަން ޖޭއެސްސީންވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ސަރުކާރުން މިހާރުވަނީ ފުލުހުްނގެ ޚިދުމަތަށްވެސް އަންގާފައެވެ.