ޚަބަރު

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލަކީ ތަރައްޤީގެ މަގުގައި އަޅާ މުހިންމު ފިޔަވަޅެއްގެ ފެށުން: މެމްބަރުން


ސަރުކާރުގެ ފަރާތުން އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަކީ ތަރައްޤީގެ މަގުގައި ދިވެހިރާއްޖެ އަޅާ މުހިންމު ފިޔަވަޅެއްގެ ފެށުން ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިބިލަށް ބަހުސްކުރެއްވި މެންބަރުން ވިދާޅުވެއްޖެއެވެ.

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށައަޅާފައިވަނީ އިޤުތިޞާދީ އަދި އިޖުތިމާއީ ކަންކަން ފަސޭހަކޮށް، ތަރުތީބުކުރުމަށް، ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށާއި، އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރީއާއިން މުޢާމަލާތްކުރުމާއި، އެފަދަ މުޢާމަލާތްތަކުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އިލެކްޓްރޯނިކް ޒަރީޢާއިން މުޢާމަލާތްކުރުމުގައި ޢަމަލުކުރުމުގެ އުސޫލުތައް ކަނޑައެޅުމަށެވެ.

މިބިލު މަޖިލީހަށް ހުށައަޅުއްވަމުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ވިދާޅުވީ، އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓް ޚިދުމަތްތައް ހިމެނޭ ގޮތަށް ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުޢާމަލާތްތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމާއި، އެފަދަ މުޢާމަލާތްތަކުގެ ޞައްހަކަން ޤާނޫނީ ގޮތުން ކަށަވަރުކޮށްދިނުމުގެ އިތުރުން ރާއްޖެއާ ރާއްޖެއިން ބޭރުގައި ކުރެވޭ އެފަދަ މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދީ، އެކަންކަމަށް ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލައި އިތުބާރުހިފޭ ޓްރަސްޓް ޚިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޒަރީޢާއިން މުޢާމަލާތްކުރުން މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމަށެވެ.

އަދި އެފަދަ މުޢާމަލާތްތަކަށް އާންމުންގެ އިތުބާރު ގާއިމުކުރުމުގެ އިތުރުން މި ބިލުގައި ޑޭޓާ މެސެޖުގެ ގޮތުގައި ހިމެނޭ ކޮންމެ މުޢާމަލާތެއްގެ މައްޗަށް ޤާނޫނު ހިނގާނެކަން ބަޔާންކޮށްފައިވާނެކަމަށެވެ.

މި ބިލުގެ އިބްތިދާޢީ ބަހުސްގައި ބައިވެރިވި މެންބަރުންވަނީ އިލެކްޓްރޯނިކް މުޢާމަލާތާ ބެހޭ ބިލަކީ، މިއަދު ދުނިޔޭގެ ކަންކަން ގޮސްފައި އޮތް ހިސާބަށް ބަލާއިރު މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ. އަދި އިލެކްޓްރޯނިކް މި ޒަމާނުގައި ގިނަ
މުޢާމަލާތްތައް ދުނިޔޭގައި ހިނގަނީ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޒަރީއްޔާއިންކަމަށްވާއިރު، ވިޔަފާރީގެ ދާއިރާގެ އެކިއެކި މުޢާމަލާތްތައް ހިންގުމަށް އެންމެ ބޮޑަށް، އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދަނީ އިލެކްޓްރޯނިކް ވަސީލަތްތައްކަން މެންބަރުން ފާހަގަކުރެއްވިއެވެ.

އަދި މެންބަރުންވަނީ ރާއްޖޭގައި މިފަދަ ގާނޫނެއް ތަޢާރަފުކުރާއިރު އިލެކްޓްރޯނިކް ވަސީލަތްތައް ގާއިމުކުރެވިގެން
ހިންގޭ މުޢާމަލާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ނިޒާމެއް ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރިތަކާއި، ބޭންކިން މުޢާމަލާތްފަދަ ކަންކަމުގައި މަކަރު ނެހެދޭނެ ގޮތަކަށް ރާއްޖޭގައި އެ ކަންކަން، ގާނޫނުގެ ދަށުން އިންތިޒާމުކުރެވެންވާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.

މިބިލަށް ބަހުސްކުރައްވަމުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވީ، މިއީ ތާރީޚީ ބިލަކަށް ވެގެންދާނެކަމަށާއި، މިބިލުގެ ސަބަބުން ޤައުމު ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެކަމަށެވެ.

"މި ބިލަކީ، އިލެކްޓްރޯނިކް ޓްރާންސެކްޝަން ނުވަތަ އިލެކްޓްރޯނިކް ނިޒާމުގެ ތެރެއަށް، މިއަދު ގުޅުވައިލެވިފައިވާ މުޖުތަމަޢެއްގައި ފޯނުތައް މިވަނީ ގުޅިފަ. ކޮމްޕިއުޓަރގެ ނިޒާމު މި ވަނީ ގުޅިފަ. މިހެން ގުޅުވައިލެވިފައިވާ ނިޒާމެއްގެ ތެރެއަށް މި ދެންނެވި
ލިޔެކިޔުންތައް، މި ދެންނެވި މުޢާމަލާތްތައް އަޅުގަނޑުމެންނަށް ގެންދިއުމަށް ފުރަތަމަ މި ޤައުމުގައި ބިލެއް ހުށަހެޅޭ ދުވަސް މިއަދަކީ. އެހެންވީމާ، އެގޮތުން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން؟ މިއަދަކީ ތާރީޚީ ދުވަހެއް" މެންބަރު އިކްރާމް ވިދާޅުވިއެވެ.

މި ބިލުގެ ބަހުސްގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ، މި ބިލަކީ ތަރައްޤީގެ މަގުގައި ދިވެހިރާއްޖެ އަޅާ ވަރަށް މުހިންމު ފިޔަވަޅެއްގެ ފެށުންކަމަށާއި، މިއަދު މިދެކެނީ އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ގާނޫނެއް ވުޖޫދަށް އައުމުގެ ފެށުންކަމަށެވެ.

"އަޅުގަނޑުމެންގެ ސަރަޙައްދަށް ބަލައިލާއިރުގައި ދިވެހިރާއްޖޭގެ އަވައްޓެރި ޤައުމުތަކުގައި އިލެކްޓްރޯނިކް ޒަރީޢާއިން ސަރުކާރުގައި ދެވޭ ޚިދުމަތްތައް ރާއްޖެއާ އަޅާބަލާއިރު މާ ގިނަ. ރާއްޖެ އޮތީ އެ ރޮނގުން ފަހަތުގައި، މި ދެންނެވި މައްސަލަތައް މިހެން ހުރުން ދިވެހި ސަރުކާރުން މިއަދު މި ދެކެނީ، އެ ކަންކަން ރަނގަޅުކޮށް، ޚިދުމަތްތައް އަވަސްކޮށް، ފަސޭހައިން ޚިދުމަތްދެވޭނެ މަގަކަށް ދިވެހިރާއްޖޭގެ މިސްރާބުގެ ހިންގުން ގެންދިއުމަށް ސަރުކާރުން މިބިލު މިހުށައަޅުއްވަނީ" މެންބަރު ސަލީމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅި މި ބިލު ޤާނޫނަކަށްވުމުން އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ޑޭޓާ މެސެޖުތަކުގެ ޤާނޫނީ ހައިސިއްޔަތު ޤާނޫނުގައި ކަނޑައެޅިގެންދާނެއެވެ.

އެގޮތުން، ޑޭޓާ މެސެޖުގެ ސިފައިގައި މަޢުލޫމާތެއް އޮންނައޮތުމާއި، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އެ މެސެޖަކީ ޤާނޫނީ ހައިސިއްޔަތެއް ނެތް ނުވަތަ ގާނޫނީ ގޮތުން ސައްޙަނުވާނެ ނުވަތަ ގާނޫނީ ގޮތުން އެ މައްޗަށް ޢަމަލުނުކުރެވޭނެ އެއްޗެއް ކަމަށް ބަލައިގެންވާނެ ސަބަބެއް ނޫންކަންވަނީ ބަޔާންކޮށްފައެވެ.

މި ބިލު ގާނޫނަކަށް ވުމުން ޑޭޓާ މެސެޖު ހެކީގެގޮތުގައި ބަލައިގަތުމާއި، ހެކީގެ ގޮތުގައި ދެވޭ ބުރަދަން ބަޔާންކޮށްފައިވެއެވެ. އަދި އިލެކްޓްރޯނިކް އެއްބަސްވުންތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމުގެ އުސޫލުތައްވަނީ މި ބިލުގައި ބަޔާންކޮށްފައެވެ.