ޚަބަރު

އެންމެ ފުރިހަމައަށް ޚިދުމަތްދޭ ޕޮލިސްސްޓޭޝަންތަކާއި ރަށްތަކަށް ޚާއްސަ އެވޯޑެއްދެނީ


ރައްޔިތުންނާ ގުޅިގެން އެންމެ ފުރިހަމައަށް ޚިދުމަތްދޭ ޕޮލިސް ސްތޭޝަންތަކާއި ރަށްރަށަށް ޚާއްސަ އެވޯޑެއް ދިނުމަށް ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިކަން ހާމަކުރައްވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ޕޮލިސްޓޭޝަންގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަައި ވާހަކަފުޅުދައްކަވަމުންނެވެ. މަނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެރަށު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، އެވޯޑުދޭނީ ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދިނުމުގެ ކަންކަން އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ފުލުހުންގެ މަރުކަޒުތަކާއި، ރަށްތަކުގެ އިތުރުން އަވަށްތަ ފާހަގަކޮށްގެންކަމަށެވެ. ސީޕީވަނީ މިހާރު އަމަލުކުރަމުންދާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި، ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާއިރު އެ ޤާނޫނުގެ 7 ވަނަ މާއްދާގައި އެކަމަށް ވަރަށް ފުޅާކޮށް ބާރުއަޅާފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި ކައުންސިލުތަކާއި އެހެނިހެން މުއައްސަސާތަކާ އަދި ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމަށް ޚާއްސަ އޮނިގަނޑެއް، މި ހިނގާ ސެޕްޓެމްބަރ މަހުގެ 27ގެ ނިޔަލަށް އެކުލަވާލަންޖެހޭ ކަމާއި އެކަމުގެ އިންތިޒާމުތައް މިހާރުވެސް ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ނ.އަތޮޅަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަ އަތޮޅަކަށްވުމާއި، ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނަ އަތޮޅަކަށް ވުމުން ސިނާޢީ މަސައްކަތްކުރާ ފަރާތްތަކާއި، ވިޔަފާރިކުރާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ޚާއްސަކޮށް އަތޮޅުގެ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތް އިތުރަށް ފުޅާކުރަންޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީވަނީ މަނަދޫގައި ބިންގާ އެޅިގެންމިދިޔަ ޕޮލިސް ސްޓޭޝަނުން ފުލުހުންގެ ޚިދުމަތްދޭން ފެށުމުން މަނދޫގެ އިތުރުން އަތޮޅުގެ ރައްޔިތުންނާއި، މުދަލަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމުގައި ފާހަގަކުރާއްވާފައެވެ.

ފުލުހުންގެ އައު ޤާނޫނާއެކު މިހާރު މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށްދޭ ޚިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ޚިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުކުރުމަށްކަމަށާއި، މަނަދޫގައި ބިންގާ އެޅިގެންދިޔަ ޕޮލިސް ސްޓޭޝަންގެ އައު އިމާތާރަކީ އެ އަމާޒަށް ވާސިލުވުމަށްޓަކައި ކުރިއަށް އެޅިގެންދިޔަ ފިޔަވަޅެއްކަމުގައިވެސް ސީޕީ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ގެނެެވޭ އިންގިލާބީ އެއް ބަދަލަކީ ނެއިބަރހުޑް ޕޮލިސް ނުވަތަ އަވައްޓެރި ފުލުހުންގެ މަސައްކަތްކަމަށާއި ނ. އަތޮޅުގައިވެސް ވަރަށް އަވަހަށް އެ ޚިދުމަތް ފެށިގެންދާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.