ޚަބަރު

ފުލުހުންގެ ޚިދުމަތް ތަރައްޤީކުރަން އެންމެ ބޮޑު މަސައްކަތްތަކެއް ކުރަނީ މި ސަރުކާރުން - ހޯމް މިނިސްޓަރ


ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ފެށީއްސުރެ އެޚިދުމަތް ތަރައްޤީކުރަން ސަރުކާރުތަކުން ނުކުރާފަދަ ބޮޑު މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރަމުންގެންދާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، ނ.މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އަދުގެ ސަރުކާރުން ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށާއި، ޚާއްޞަކޮށް އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުރިހަމަކުރުމުގެ ގޮތުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ރާވައި އެކަމުގެ އަމަލީ މަސައްކަތް ކުރަންފަށާފައިވާކަމަށެވެ.

މިއަދު 52 އަށްވުރެ ގިނަ ރަށުގައި ޕޮލިސް ސްޓޭޝަންތައް އެޅުމަށް ތައްޔާރުވަމުންދާ ދިއުމަކީ މުޅި ރާއްޖޭޣެ ހުރިހާ ސަރަހައްދެއްގައި ފުލުހުންގެ ޚިދުމަތް އިތުރަށް ވަރުދަކުރުމަށް ސަރުކާރުން ކުރާ ބޮޑު މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަލަށް ޤާއިމްކުރެވޭ ޕޮލިސް ސްޓޭޝަންތަކާއެކު ރާއްޖޭގެ 5 ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ދޭންފެށުމުން ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމުގެ އިތުރުން އޭގެ ސަބަބުން އިޤުތިސާދީ ދުވެލި އަވަސްކުރުމަށް ކުރެވޭ މަސައްކަތް ޚިމާޔަތްކުރުމަށް އިތުރު ޚިދުމަތަކެއް ދެޥޭނެކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއާއެކު އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެންމެ ލޯބިވާ، އެންމެ އިތުބާރުކުރާ، އިހުތިރާމްކުރާ, އަދި އެ މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާ މުއައްސާކަމުގައި ވެގެންދާނެކަން މިނިސްޓަރ ޢިމްރާން ފާހަގަކުރެއްވިއެވެ.

ދިވެހިން ފުލުހުންގެ މުއައްސަސާ މަދަނީ ފުލުހުންގެ ޚިދުމަތަކަށް ބަދަލުވިތާ 17 އަހަރު ފުރޭ މުނާސަބަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ މިއަދަކީ ފުލުހުންގެ ޚިދުމަތުގައި ވަރަށް އުފާވެރި ދުވަހެއްކަމަށާއި، އަސްކަރީ ފުލުހުންގެ ޚިދުމަތުން މަދަނީ ފުލުހުންގެ ޚިދުމަތަކަށް ބަދަލުވިތާ 17 އަހަރު ފުރޭ އިރު އަމާޒު ހިފަނީ 21 ވަނަ ޤަރުނުގައި ރައްޔިތުން އެދޭފަދަ ޚިދުމަތެއް ފޯރުކޮށްދީ ރައްޔިތުންގެ އިތުބާރާއި, ޔަޤީންކަން ހޯދައި ރައްޔިތުންގެ ލޯބި ލިބިގެންވާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެއްދެވުމަށްކަމަށް ވިދާޅުވިއެވެ.

"ފުލުހުންގެ އާޤާނޫނެއް ވުޖޫދުކުރެވިއްޖެ. އޭގެދަށުން ޤާނޫނުތައް ހެދިއްޖެ. އަތޮޅުތެރޭގައި ފުލުހުން އިންތިޒާމްވާގޮތް އިތުރަށް ތަރުތީބުކުރެވިއްޖެ. ފުލުހުންނަށް ފުރިހަމަ ތައުލީމާއި ތަމްރީން ލިބިގެންދާނެ ގޮތުގެ މަސައްކަތްތައް އިތުރަށް އަމުނާ އެކުލެވި ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފައްތާ, ފުރިހަމަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާންވަނީ ފުލުހުންގެ ރޭންކްތަކަށް ބަދަލުތައް ގެނެސް މަސައްކަތްކުރުމުގައި ޗޭންއޮފް ކޮމާންޑަށް އިތުރަށް ހަރުދަނާކަން ލިބިގެންދާނެގޮތަށް މިހާރު ތަރުތީބު ކުރެވިފައިވާކަމަށާއި، ފުލުހުން ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ އޮނިގަނޑުތައް މިހާރު އެކުލަވާލެވިފައިވާކަމަށެވެ.

މިނިސްޓަރ ވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރާއި އިހުތިރާމް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަކާއެކު ގެންނަ ބަދަލުތައް ލޯތްބާއި އިހުތިރާމާއެކު ބަލައިގަންނަ ބަޔަކަށް ފުލުހުންވުމަށް ގޮވާލައްވާފައެވެ.

އެކަކު ނުވަތަ ދެ އޮފިސަރަކު ކުރާކަމަކުން މުޅި މުއައްސަސާ ބަދުނާމްވެ, މުއައްސަސާގެ ރީތިނަން ގެއްލިގެންދާ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރައްވައި މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާ ކުރިއަރައިގެން ދިއުމަކީ ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްކަމަށާއި، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ މުއައްސަސާއެއްކަމަށެވެ.