ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް 14.1 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
މި އަދަދަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރުކުރި ފައިސާގެ އަދަދަށްވުރެ 21 އިންސައްތަ ދަށް އަދަދެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދީފައި ވަނީ 2 ކުންފުންޏަކުންނެވެ. އަދި ދެވަނަ ކުއާޓަރގެ އަދަދުތަކާއެކު މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތަފާސް ހިސާބުތަށްވެސް ރިޕޯޓުގައިވަނީ ހިމަނާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ރާއްޖެއިންވަނީ 31.9 މިލިއަން ޑޮލަރު ބޭރުކޮށްފައެވެ. މިއަދަދަކީވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 47.9 މިލިއަން ޑޮލަރާއި އަޅާ ބަލާއިރު 33 އިންސައްތަ ދަށް އަދަދެެކެވެ.
ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ 68 އިންސައްތައަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާއެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރުކޮށްފައިވާ ފައިސާގެ ތެރެއިން 50 އިންސައްތައަކީ ބަންގްލަދޭޝަށް ބޭރުކޮށްފައިވާ ފައިސާއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފައިސާ ބޭރުކޮށްފައިވަނީ އިންޑިއާއަށެވެ. އެއީ 11 އިންސައްތައެވެ. ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބޭރުކޮށްފައިވަނީ މިސްރަށެވެ. އެއީ 6 އިންސައްތައެވެ.
މި މުއްދަތުގައި ބޭރު ޤައުމުތަކުން ރާއްޖެއަށް ވަނީ 12.8 މިލިއަން ރުފިޔާ ފޮނުވާފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 19 އިންސައްތަ ދަށް އަދަދެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފައިސާ ފޮނުވާފައިވަނީ ޔޫއޭއީންނާއި، ސައުދީ އަރަބިއާއިންނާއި އިނގިރޭސިވިލާތުންނެވެ.