ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިދިޔަމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެހެންނަމަވެސް އިންޑިއާ މަރކެޓު މިހާރު ވަނީ ރަޝިއާ ފަހަތަށް ޖައްސާލާ 'ނަމްބަރ ވަން' ގެ މާރކެޓުގެ މަޤާމް ހޯދާފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 777513 ފަތުރުވެރިން އައިސްފައެވެ. މީގެތެރެއިން 21.5 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. ރަޝިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ ހިއްސާއަކީ 20.8 އިންސައްތަ ހިއްސާއެވެ.
ކޯވިޑް19އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު އެންމެ ވާދަވެރި 2 މާކެޓްގެ ގޮތުގައި އުޅުނީ ރަޝިއާ މާކެޓާއި އިންޑިއާ މާކެޓެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ. އަދި މިއަހަރުގެ ޖަނަވަރީމަސް ނިމުނުއިރުވެސް 1838 ފަތުރުވެރިންގެ ތަފާތަކާއެކު 1 ވަނައިގައި އޮތީ ރަޝިއާ މާކެޓެވެ. ނަމަވެސް ފެބްރުއަރީމަހުގެ ފުރަތަމަ 2 ދުވަސް ނިމުމުއިރު ރަޝިއާ ފަހަތަށް ޖައްސައި، އިންޑިއާ ވަނީ މާކެޓްގެ ކުރި ހޯދިއެވެ. އެހެން ނަމަވެސް މެއި މަހުގެތެރޭ އިންޑިއާގައި ކޯވިޑްގެ ހާލަތު ގޯސްވެ އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަށް ދަށަށް ދާން ފެށިއެވެ.
މިދިޔަ ޖުލައިމަހު ކޯވިޑް ހާލަަތު ރަނގަޅުވުމާއެކު އެޤައުމުން ރާއްޖެއަށް ދަތުރުތައް ބާއްވަމުން ދިޔަ އެއަރލައިންތަކުން ވަނީ އަލުން ދަތުރުތައް ފަށާފައެވެ. އެގޮތުން އިންޑިއާ އާއި ރާއްޖެއާއި ދެމެެދު މިހާރު 6 އެއަރލައިންއަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ 21547 ފަތުރުވެރިން އައިސްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 15.4 އިންސައްތަ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 18671 ފަތުރުވެރިންނެވެ.