ކުޅިވަރު

ގަތަރު ޓްރެއިންގް ކޭންޕްގެ ފައިދާ މުބާރާތުގައި ފެންނާނެ - ސެންޓޭ


ގަތަރު ޓްރެއިނިންގް ކޭންޕްގެ ފައިދާ ކުރިއަށްއޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގެ ތެރެއިން ފެންނާނެކަމަށް ތަޖުރިބާކާރު ފޯވާޑް ޢަލީ ފާސިރު (ސެންޓޭ) ބުނެފިއެވެ. މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. އަލީ ފާސިރަކީ 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. 2018ވަނަ އަހަރުގެ ފައިނަލް މެޗްގައި އިންޑިޔާ 2 ލަނޑު 1 ލަނޑުން ބަލިކުރިއިރުގައި، މެޗްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. އެއީ މެޗުން މޮޅުވި ގޯލެވެ.

ތަޖުރިބާކާރު ފޯވާޑް ޢަލީ ފާސިރު (ސެންޓޭ) ބުނީ މުބާރާތުގެ ކުރިން ޓްރެއިންނިންގް ކޭންޕްގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ. 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ގަތަރުގައި އެއްމަސް ދުވަހުގެ ތަމްރީންތަކެއް ފުރިހަމަކޮށްގެންނެވެ. ސެންޓޭބުނީ އެފަހަރުވެސް ތަށި ރާއްޖެއަށް ނެގުމުގައި ޓްރެއިނިންގް ކޭންޕުގެ ފައިދާ ވަރަށް ބޮޑަށްކުރިކަމަށެވެ. އަދި މިފަހަރުވެސް މިޓްރެއިނިންގެ ކޭންޕްގެ ފައިދާ ޓީމަށް ވަރަށް ބޮޑަށް ކުރާކަމަށެވެ. ޓްރެއިނިންގް ކޭންޕްގެ ސަބަބުން ކުޅުންތެރިން ދަސްވުމާއި ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވާކަމަށެވެ. ދަނޑުމަތީގެ އިތުރުން ދަނޑުން ބޭރުގައިވެސް އަބަދުވެސް ވާހަކަދެކެވި، ކަންކަން ދަސްކުރުމަށް ވަރަށް ރަނގަޅު ފުރުސަތެއް ޓްރެއިނިންގް ކޭންޕްގެ ތެރެއިން ލިބިގެންދާކަމަށް ސެންޓޭ ބުންޏެވެ. ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ ސެންޓޭ ބުނީ އެކިކުލަބްގެ ކުޅުންތެރިން ގައުމީ ޓީމްގައި ތިބޭއިރު، ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

"މާލޭގައި ވަރަށް ތަފާތުވާނެ. މިސާލަކަށް އަޅުގަނޑު ކުޅެނީ ވެލެންސިޔާއަށް. ވެލެންސިޔާއަށް ކުޅޭއިރު މާޒިޔާގެ ކުޅުންތެރިން ނުވަތަ އެހެން ކުލަބްއަކަށް ކުޅޭ ކުޅުންތެރިންނާއިވެސް ދިމާވާވަރު މަދުވާނެ. ނަމަވެސް ޓްރެއިންގް ކޭންޕްގެ ތެރެއިން އަބަދުވެސް ހުރިހާ ކުޅުންތެރިންނާއި ދިމާވޭ. އެހެންވީމަ އެކަކު އަނެކަމަށް އިނގެން ފަސޭހަވާނެ. ވާހަކަދެއްކުމާއި ޓްރެއިނިންގެ އިތުރުން ނޭނގޭ އެއްޗެއް އަހާލާ، ދުވަންވީ ތަންތަނާއި ބެހޭގޮތުން ވާހަކަދައްކާ، ގުޅުން ވަރަށް ބޮޑަށް ބަދަހިވޭ. މިކަމުގެ ފައިދާ މުބާރާތް ތެރޭގައި ފެންނާނެ." ތަޖްރިބާކާރު ފޯވާޑް ސެންޓޭ ބުންޏެވެ.