ކުޅިވަރު

ވިރާޓު ކޯލީ އިންޑިޔާގެ ކެޕްޓަންކަން ދޫކޮށްލަނީ


ޓީ20 ކްރިކެޓް ވޯލްޑް ކަޕަށް ފަހު އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ދޫކޮށްލަން ނިންމާފައިވާ ކަމަށް މަޝްހޫރު ކްރިކެޓް ތަރި ވިރާޓު ކޯލީ ބުނެފިއެވެ.

ވިރާޓު ކޯލީއަކީ ފަހަކަށް އައިސް އިންޑިޔާގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާއެވެ. މިފަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕަށް ފަހު އިންޑިއާ ކެޕްޓަންކަން ދޫކޮށްލަން ވިރާޓު ކޯލީ ނިންމާފައިވާއިރު، ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކުރިއަށްދާނީ 17 އޮކްޓޫބަރުން 14 ނޮވެމްބަރަށް އޮމާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައެވެ. ޓްވިޓާގައި ކޯލީ އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ކެޕްޓަނެއްގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރެވިފައިވާކަން ގަބޫލް ކުރާކަމަށެވެ. އަދި މި ފަހަރު ބޭނުންވަނީ ކެޕްޓަނެއްގެ ޒިންމާ އެހެން މީހަކަށް ދިނުމަށްފަހު، އާ ކެންޕްޓަނެއްގެ ދަށުން މަސައްކަތް ކުރަން ބޭނުންވާކަމަށެވެ. ކޯލީ ބުނީ ކެޕްޓަންކަން ދޫކޮށްލިނަމަވެސް، ބެޓްސްމަނެއްގެ ގޮތުން އަދިވެސް އިންޑިޔާއަށް ކާމިޔާބު ހޯދަައިދޭން ބޭނުންވާކަމަށެވެ.

ވިރާޓު ވަނީ ޓީ20ގައި އިންޑިއާ އަށް ކުޅެދިން 90 މެޗުގައި 3159 ލަނޑު ހަދައިފައެވެ. ވިރާޓު އަށް އިންޑިއާ ޓީމުގެ ކެޕްޓަންކަން ދިނީ 2017 ވަނަ އަހަރުއެވެ.