އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވެގެންދާ ހާލަތުގައި ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ލަފާކޮށް، އެމްއެމްއޭގެ ސީނިއާ ރިސާޗް އެނަލިސްޓް، ދަހާ ޝުއައިބު ހަދާފައިވާ ދިރާސާއެއްގައެވެ.
އެ ދިރާސާގައި ހަތަރު ހާލަތަކަށް ޓޫރިޒަމް ކުރިއަށް ލަފާ ކޮށްފައިވެއެވެ. އެއީ ވޯސްޓް ކޭސް (އެންމެ ގޯސް ހާލަތު)، މޮޑަރޭޓް ކޭސް (މެދުމިންވަރެއް )، އޮޕްޓިމިސްޓިކް ( އެކަށިގެންވާ ހާލަތެއް) މޯސްޓް އޮޕްޓިމިސްޓިކް ކޭސް (އެންމެ ރަނގަޅު ހާލަތު(އެވެ.
މި ރިޕޯޓުގައިވާގޮތުން ފަތުރުވެރިކަން އެންމެ ރަނގަޅު ހާލަތުގައި މިއަހަރު ނިމޭއިރު ރާއްޖެއަށް އަންނާނީ 1 މިލިއަން ފަތުރުވެރިންނެވެ. އަދި އަންނަ އަހަރު މި ހާލަތުގައި 1.4 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، 2023ވަނަ އަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކޮށްފައިވަނީ 1.8 މިލިއަން ފަތުރުވެރިންނެވެ. މި އަދަދު ވެގެންދާނީ ރެކޯޑް އަދަދަކަށެވެ.
ދެން ހުރި ހާލަތްތަކުގައި ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ފަތުރުވެރިކަން އެކަށީގެންވާ ހާލަތެއްގައި މިއަހަރު ނިމޭއިރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 7 ލައްކަ ފަތުރުވެރިންނެވެ. އަދި އަންނަ އަހަރު މި ހާލަތުގައި ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެނީ 1.3 މިލިއަން ފަތުރުވެރިންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތް ހާލަތަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 8 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތީ އެންމެ ރަނގަޅު ހާލަތުގައި ކަމަށް ބެލެވެއެވެ. އަދި ދިރާސާ ރިޕޯޓުގައި ހިމަނާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖެއަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެއެވެ.
ދިރާސާ ރިޕޯޓުގައި ހިމަނާފައިވާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދަށް ބަލާއިރު، މިއަހަރު ފަތުރުވެރިކަން އެންމެ ރަނގަޅު ހާލަތުގައި މިއަދަދު ހުންނާނީ 7.5 މިލިއަންގައި ކަމަށްވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވެގެންދާ ހާލަތުގައި ފަތުުރުވެރިން ހޭދަކުރާ ރޭގެ އަދަދު 10 މިލިއަނަށް އަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.