ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުމަށް ގައުމީ އަންހެން ޓީމް ފުރައިފި


އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ގައުމީ އަންހެން ޓީމް މިއަދު ފުރައިފިއެވެ. އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގެ މެޗްތައް ކުރިއަށްދާނީ ތަޖަކިސްތާންގައެވެ. މިކޮލިފައިން މެޗްތަކަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކޭންޕެއްވެސް ކޮށްފައެވެ. އަދި ބ.އަތޮޅު އޭދަފުށީގައިވެސް އެޓީމު ވަނީ މެޗްތަކެއް ކުޅެފައެވެ. ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ތަޖިކިސްތާނުގެ އިތުރުން ވިއެޓްނާމާއި އަފްގާނިސްތާން ހިމެނޭ ގުރޫޕްގައެވެ.

އޭދަފުށީގައި އަންހެން ޓީމް ކުޅުނު މެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. އެންމެ ފަހުން ގައުމީ އަންހެން ޓީމުންވާދަކުރީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ. ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދި އަންހެން ޓީމާ މި ފަަހަރު ފައިނަލް ސްކޮޑުން ފުރުސަތު ހޯދި ޓީމު ތަފާތެވެ. ޒުވާން އާ ކުުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފައެވެ. ގައުމީ އަންހެ ޓީމް ދުބާއީގައި ކުރި ކޭންޕްގައި އެޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗް ކުޅެފައެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފައެވެ. ރާއްޖެއިން އެންމެ ފަހުން 2014 އާއި 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅެފައެއްނުވެއެވެ. ދެން ރާއްޖެއިން ނުކުޅެނީ 2008 ވަނަ އަހަރުގެ ކޮލިފައިންގައެވެ. ކޮލިފައިންގެ މެޗްތައް ތަޖަކިސްތާންގައި ކުރިއަށްދިޔަ ނަމަވެސް، އޭއެފްސީ ނިމެންސް އޭޝިއަން ކަޕްގެ މެޗްތައް ކުރިއަށްދާނީ އިންޑިޔާގައެވެ.