ކުޅިވަރު

ހޯމް އެޑްވާންޓޭޖް ނެގޭނީ ސަޕޯޓަރުންގެ އެހީއާއެކު - ކުރޯ


ހޯމް އެޓްވާންޑޭޖް ނެގޭނީ ދިވެހި ދަނޑަށްވަދެ ދިވެހި ޓީމްއަށް ސަޕޯޓްކޮށްދީގެންކަމަށް ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) ބުނެފިއެވެ. މިއަންނަ މަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަކީ މިސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. ރާއްޖެއިން ވަނީ މިތަށި ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ރާއްޖެއިން ހޯދާފައިވަނީ 2008ވަނަ އަހަރުއެވެ. އަދި ދެވަނަ ފަހަރު އެތަށި ކާމިޔާބުކޮށްފައިވަނީ 2018ވަނަ އަހަރުއެވެ. މިދެ ފަހަރުވެސް ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވަނީ ރާއްޖެއާއި އެންމެ ވާދަވެރި އިންޑިޔާ ބަލިކޮށްގެންނެވެ. 2018ވަނަ އަހަރުގެ މުބާރާތުގެ ޗެންޕިއަންކަން ރާއްޖެއަށް ލިބުމުގައި ކުރޯގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ ސާޗް ޗެންޕިއަންޝިޕް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. ގަތަރުގެ ކޭންޕްގެ ތެރެއިން ވާހަކަދައްކަމުން ހުސެއިން ސިފާއު ޔޫސުފް (ކުރޯ)ބުނީ ރާއްޖޭގައި މުބާރާތް ބޭއްވުމުން އެކަނި މިކަން ނުނިމޭކަމަށާއި ރާއްޖޭގެ ޓީމަށް ހޯމް އެޓްވާންޓޭޖް ލިބޭނީ ސަޕޯޓަރުން ދަނޑަށްވަދެ ޓީމަށް ސަޕޯޓްކޮށްދިން މިންވަރަކުންނެވެ. މިހާތަނަށް ރާއްޖެއިން ހޯދާފައިވާ ގިނަ ކާމިޔާބީތަކުގައި ސްޕޯޓަރުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ. ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ހުސެއިން ޝިފާއުބުނީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕަކީ ރާއްޖެއަށް ވަރަށް މުހިންމު މުބާރާތެއްކަމަށާއި އެންމެ ފަހު ޗެންޕިއަންގެ ހައިސިއްޔަތުން ރާއްޖެ ނިކުންނައިރު، ދަށި ދިފާއުކުރުމަށް ރާއްޖޭގެ ޓީމުގެ ކުޅުންތެރިންނަށް ސަޕޯޓަރުންފެ ފަރާތުންލިބޭ ސަޕޯޓް ވަރަށް މުހިންމުކަމަށް ސިފާއު ބުންޏެވެ.

"ސަޕޯޓަރުންނަކީ އަސްލު ވަރަށް މުހިންމު ބައެއް މިހާރު. ހޯމް އެޑްވާންޓޭޖް ނެގެން އަންނަނީ ސަޕޯޓަރުން ވަދެގެން. އެހެންވީމަ، ސާފް ޗެމްޕިއަންޝިޕްގައި ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ސަޕޯޓް ކޮށްދިނުމަކީ ވަރަށް ބޮޑަށް ޓީމަށް އެޑްވާންޓޭޖެއް،" ކުރޯ ބުންޏެވެ.

މިއަންނަ މަހުގެ އެއްވަނަ ދުވަހު ފަށާ ސާފް ޗެންޕިއަންޝިޕް މުބާރާތް މިފަހަރު ކުރިއަށްދާނީ 5 ގައުމާއެކު ލީގް އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ކުޅޭނީ ފައިނަލްގައެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލްއެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެ ރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެ ރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ތިން ވަނަ މެޗުގައި މިއަންނަ މަހުގެ 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއި ދެކޮޅަށެވެ.