ކުޅިވަރު

ސާފް ޗެންޕިއަންޝިޕް - ޕީއެސްއެމުން "ގަދަ ރަތް" ކައުންޑައުން ޝޯތައް ފަށައިފި


ސާފް ޗެންޕިއަންޝިޕަށް ހާއްސަކޮށްގެން ޕީއެސްއެމުން "ގަދަ ރަތް" މި ނަމުގައި ކައުންޑައުން ޝޯތަކެއް ފަށައިފިއެވެ. އަންނަ މަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕަށް ހާއްސަކޮށްގެން ޕީއެސްއެމުން ކައުންޑައުން ޝޯތަކެއް ފަށާފައި މިވަނީ މުބާރާތުގެ ފޯރި އިތުރު ކުރުމަށާއި މުބާރާތާބެހޭ މަޢުލުމާތު ވީހާވެސް ތާޒާކޮށް އާންމުންނަށް ގެނެސްދިނުމުގެ މަގުސަދުގައެވެ. މިރޭ ފެށި މި ކައުންޓް ޑައުން ކޮންމެ ރެއެއްގެ ރޭގަނޑު ނުވަގަނޑި ބައިގައި ދެއްކުމަށް ހަމަޖެހިފައިވެއެވެ. މިޝޯތަކުގައި ސާފް ޗެންޕިއަންޝިޕްގެ އެންމެ ފަހު މަޢުލުމާތާއި މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ބިޑް ރާއްޖެއަށް ކާމިޔާބުވި ގޮތާއި މުބާރާތަށް ޓީމްތަކުންވަމުންދާ ތައްޔާރީތަކުގެ އިތުރުން އެފްއޭއެމުން މިފަހަރުގެ ތާރީޚީ މުބާރާތަށް ވާ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލުމާތުވެސް މިޕްރޮގްރާމްގައި ގެނެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިފަހަރު ޕީއެސްއެމްއިން ގެނެސްދޭ ކައުންޑައުން ޝޯތަކުގައި ބައިވެރިވާނީ ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް 2008ވަނަ އަހަރު ކަމިޔާބުކުރި ޓީމްގެ ދެ އެސިސްޓަންޓް ކޯޗުންގޮތުގައި މަސައްކަތް ކުރި އިހުސާން ޢަބްދުލްޣަނީ އާއި މުޙައްމަދު ޝިޔާޒް (މޯހަން) އަދި އެފަހަރު ތަށި ނެގި ޓީމްގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި އެޓީމުގެ ޑިފެންޑަރު ސޮބާހު މުހައްމަދުގެ އިތުރުން ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ތަޖްރިބާކާރު ކޯޗް މުހައްމަދު ނަޒީހެވެ.

މިޝޯތަކުގައި ސާފް ޗެންޕިއަންޝިޕްގެ ކުރީގެ ހަދާންތަކާއި ސާފް ޗެންޕިއަންޝިޕްގެ ބައެއް މެޗްތަކުގެ އުސްއަލިތައް ދެއްކުމުގެ އިތުރުން ސާފް ޗެންޕިއަންޝިޕްގައި ބައިވެރިވެފައިވާ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިންގެ މަޢުލުމާތުވެސް ގެންދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފުރަތަމަ ކައުންޑައުން ޝޯގައި ބައިވެރިވފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ޕީއެސްއެމްގެ ގަދަ ރަތް ކައުންޓްޑައުން ޝޯތައް ކޮންމެ ރެއަކު ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށާއި ޕީއެސްއެމްގެ ޗެނަލްތަކުން ރިޕީޓްވެސް ދެއްކުމަށް ހަމަޖެހިފައިވެއެވެ.