ކުޅިވަރު

މެޗު ބަލަން ދަނޑަށް ވަދެވޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން


އުރީދޫ ސާފްޗެންޕިއަންޝިޕްގެ މެޗުތައް ބެލުމަށް ދަނޑަށް ވަދެވޭނީ ކޯވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސާފް ޗެންޕިއަންޝިޕްގެ ފޯރި އިތުރުކުރުމަށް ޕީއެސްއެމް ފެށި ކައުންޑައުން ޝޯރގައި ވާހަކަ ދައްކަވަމުން ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ސާފް ޗެންޕިއަންޝިޕްގެ މެޗުތައް ބަލާލުމުގެ ފުރުޞަތު ކޮންމެ ދިވެރި ރައްޔިތަކަށް އެބައޮތް ކަމަށެވެ. އެ އުފާވެރިކަން ރައްޔިތުންނަށް ގެނެސްދޭން އެފްއޭމުން ބޭނުންވާކަމަށް. އެހެންނަމަވެސް އެފްއޭއެމަށް ސާފު ޗެންޕިއަންޝިޕް މުބާރާތް ބަލާލުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ދެވޭނީ ،ކޯވިޑް-19 އާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ގައިޑްލައިނާ އެއްގޮތަށްކަމަށް ބައްސާމް ވިދާޅުވި. އެގޮތުން ޓިކެޓް ވިއްކާއިރު އެފްއޭއެމުން ޓިކެޓް ދޫކުރާނީ އައިޑީ ކާޑާއެކު ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާފައިވާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކާޑު ހިފައިގެން އަންނަ ފަރާތްތަކަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވި. އެހެންކަމުން ވީހާވެސް އަވަހަކަށް ވެކްސިން ނުޖައްސާ ފަރާތްތަކުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރުމަށް އެފްއޭއެމްގެ ރައީސްވަނީ އެދިވަޑައިގެންފަ.

" އަޅުގަނޑުމެން ޓިކެޓް ވިއްކާއިރު އައިޑީކާޑާއެކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ސެޓްފިކެޓް ގެންނަން ބުނާނަން..އެހެންވީމަ އެއާއެކީ ޓިކެޓް ވިއްކޭނީ. ދެން ދަނޑަށް ވަންނައިރު އަބަދުވެސް މާސްކް އަޅައިގެން ތިބުމާއި ސެނިޓައިޒް ކުރުން މުހިންމު. އަދި އަޅުގަނޑުމެން ދަނޑުގެ އެކި ސަރަޙައްދުތަކުގައި ސެނިޓައިޒަ ފުޅިތައް ބަހައްޓާނަން. އެޗްޕީއޭގެ ގައިޑް ލައިނުގައިވާ ފަދައިން އިޖްތިމާއީ ގައިދުރުކަމާއެކީ ސަޕޯޓު ދޭ މަންޒަރު އަޅުގަނޑު ބަލަން ބޭނުމީ. ދަނޑަށް މީހުން ވެއްދުމުގެ ހުއްދާއާ އެކީ ދަނޑަށް ވަނުމުގެ ފުރުޞަތު އޮތްއިމުބާރާތް ކުރިޔަށް ގެންދެވޭނީ އެންމެންގެ އެއްބާރުލުމާއެކީ.. އުޜީދޫ ސާޕްޗެންޕިއަންޝިޕާހެދި ކޯވިޑް ހާލަތު ގޯހުން ގޯހަށް ދާކަށް އަޅުގަނޑުމެން ނޭދެން" ބައްސާމު ވިދާޅުވިއެވެ.

ކޯވިޑް 19 ގެ މި ދަނޑިވަޅުގައި އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަދަ ބޮޑު މުބާރާތެއް ކުރިޔަށްގެންދެވޭނީ އެފްއޭއެމާއި، މުބާރާތުގެ އޮފިޝަލުންނާއި، އަދި ސަޕޯޓަރުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުކަމަށާއި، މި މުބާރާތް އޮމާންކަމާއެކު ކުރިޔަށްގެންދިއުމަށް ދަނޑަށް ވަންނަ ފަރާތްތަކުން އަބަދުވެސް މާސްކު އެޅުމާއި، ސެނިޓައިޒްކޮށް އަދި އިޖްތިމާއީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށްވެސް ބައްސާމް ވަނީ އެދިވަޑައިގެންފަ.

މިފަހަރުގެ އުރީދޫ ސާފްޗެމްޕިއަންޝިޕް މުބާރާތް ކުރިޔަށްދާއިރު ހަތަރުހާސް ފައްސަތޭކަ ސަޕޯޓަރުންނަށް ވަދެވޭނެކަމަށް އެފްއޭއެމުން މަޢުލޫމާތުދޭ. މިފަހަރު ސާފް ޗެންޕިއަންޝިޕްއަށް ގައުމީ ޓީމް ނިކުންނަނީ އެންމެ ފަހުގެ ޗެންޕިއަނުންގެ ހައިސިއްޔަތުން، 2018ވަނަ އަހަރު ހޯދާފައިވާ ތަށި ދިފާޢު ކުރަން.