ކުޅިވަރު

މިފަހަރުގެ ސާފަކީ ޒުވާން ކުޅުންތެރިންގެ ފެންވަރު ދައްކާލަން ލިބޭ ފުރުސަތެއް: ހައިޝަމް


މާލޭގައި ސާފް ޗެންޕިއަންޝިޕް ބޭއްވުމަކީ މިވަގުތު ގައުމީ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންގެ ފެންވަރު ދައްކާލަން ލިބޭ ވަރަށް ރަގަނޅު ފުރުސަތެއްކަމަށް ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން ބުނެފިއެވެ. އެންމެ ފަހުން ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި 2018ވަނަ އަހަރު ވެސް ކާމިޔާބުކޮށްފައިވަނީ ޒުވާން ޓީމެކެވެ.

މިފަހަރުގެ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމު މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. ގަތަރުގެ ކޭންޕްގެ ތެރެއިން ވާހަކަދައްކަމުން ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން ބުނީ މާލޭގައި މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ބޭއްވުމަކީ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް އެކުޅުންތެރިނމްގެ ފެންވަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ. ހައިޝަމަކީ ފަހަކަށް އައިސް ގައުމީ ޓީމުގެ ގިނަ މެޗުތަކުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައި ހައިޝަމް ވަނީ ގިނަ މެޗުތަކުގައި ފުރަތަމަ އޭގަރައިގައި ހިމެނިގެން ކުޅެފައެވެ. މިހާތަނަށް ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ގިނަ މުބާރާތްތަކެއްގެ ވާދަކޮށްފައިވާއިރު، ރާއްޖޭގައި ސާފް ޗެންޕިއަންޝިޕްގެ މެޗްތައް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ 2008ވަނަ އަހަރު އެކަންޏެވެ. އަދި އެފަހަރުވެސް ރާއްޖެއިން މުބާރާތް ބާއްވާފައިވަނީ އަވަށްޓެރި ސްރީލަންކާއާއި ގުޅިގެންނެވެ. ނަމަވެސް މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ހަމައެކަނި މާލޭގައެވެ. ގަތަރު ކޭންޕުގެ ތެރެއިން ވާހަކަދައްކަމުން ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން ބުނީ އެފްއޭއެމުން ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާއިރު، މިއީ ޒުވާން ކުޅުންތެރިންނަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއްކަމަށް ހައިޝަން ބުންޏެވެ.

"މިއީ ޒުވާން ކުޅުންތެރިންނަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް. ވަރަށް މަދުން ލިބޭ މިފުރުސަތުގެ ބޭނުން ހިފަންޖެހޭ. އެހެންވީމަ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށްވަދެ، ޓީމަށް ސަޕޯޓްކޮށްދިނުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ." ހައިޝަމް ބުންޏެވެ.

މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފެ ޗެންޕިއަންޝިޕް މުބާރާތުގައި ވާދަކުރަނީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެ ރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެ ރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ތިން ވަނަ މެޗުގައި މިއަންނަ މަހުގެ 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއި ދެކޮޅަށެވެ.