ކުޅިވަރު

ސަރަހައްދުގެ ވަރުގަދަ ބާރަކަށް ވާން މިފަހަރުގެ ސާފް ކާމިޔާބުކުރަންޖެހޭ - މޯހަން


މިސަރައްހައްދުގެ ވަރުގަދަ ބާރަކަށް ދިވެހި ރާއްޖެވުމަށް މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރަން ޖެހޭކަމަށް 2008ވަނަ އަހަރު ރާއްޖެއަށް އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްދިން އެސިސްޓަންޓް ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި 2008ވަނަ އަހަރު ކާމިޔާބުކުރިއިރުގައި އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ މޯހަންގެ އިތުރުން އިހުސާން އަބްދުލްޣަނީ (ސާންތި)އެވެ. އޭގެ ފަހުން 2018ވަނަ އަހަރު ރާއްޖެއިންވަނީ ދެވަނަ ފަހަރަށް މިމުބާރާތުގެ ތަށި ހޯދާފައެވެ. އަދި މިފަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕާއި ކުރިމަތިލަނީ އެންމެ ފަހުގެ ޗެންޕިއަނުންގެ ގޮތުގައެވެ. ސާފް ޗެންޕިއަންޝިޕްގެ އެންމެ ކާމިޔާބު ގައުމަކީ އިންޑިޔާއެވެ.

މިއަންނަ މަހުގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕާ ބެހޭގޮތުން ވާހަކަދައްކަމުން މުހައްމަދު ޝިޔާޒް (މޯހަން)ބުނީ މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރަންޖެހޭ ދެތިން ސަބަބެއް އެބައޮތްކަމަށާއި މީގެ ތެރެއިންވެސް އެންމެ މުހިންމު ސަބަބަކީ މިސަރަހައްދުގެ ވަރުގަދަ ބާރަކަށްވުންކަމަށެވެ. 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް ހޯދުމަށްފަހު، ޖެހިގެންއައި 2009ވަނަ އަހަރު ރާއްޖެއަށް އެތަށި ދިފާޢު ކުރެވޭގޮތެއް ނުވިއެވެ. އެއަހަރުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށް 2009ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައިވަނީ އިންޑިޔާއިންނެވެ. ސާފް ޗެންޕިއަންޝިޕްގެ ތަށި ދިފާޢު ކުރުމުގެ ދެވަނަ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު، 2008ވަނަ އަހަރު ރާއްޖެއަށް އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްދިން އެސިސްޓަންޓް ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ ސާފް ޗެންޕިއަންޝިޕްގައި އަބަދުވެސް ރާއްޖެއާއި އެންމެ ވާދަވެރި ގައުމަކަށްވެފައިވަނީ އިންޑިޔާކަމަށާއި އެހެންކަމުން މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖެއާ އެންމެ ވާދަވެރިވާނީ އިންޑިޔާކަމަށް މޯހަން ބުންޏެވެ.

މިހާރު އިންޑިޔާގެ ފުޓްބޯޅައަށް ބަލާކަމުގައިވާނަމަ، އެގައުމުން ފުޓްބޯޅައަށް ކުރަމުންދާ ހަރަދާއި ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި ނަމަވެސް މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕަކީ މިސަރަހައްދުގެ ފުޓްބޯޅައިގެ މިންގަނޑު ކިރާލަންވެސް ލިބޭ ފުރުސަތެއްކަމަށް މޯހަން ބުންޏެވެ. ހާއްސަކޮށް ރާއްޖެ އާއި އެންމެ ވާދަވެރި އިންޑިޔާއާއި ވާދަކުރުމަކީ އަބަދުވެސް ރާއްޖެއަށް އުނދަގޫކަމަކަށްވާއިރު، މިފަހަރުވެސް އެއުނދަގޫކަން ހުންނާނެކަމަށް ތަޖްރިބާކާރު ކޯޗް މޯހަން ބުންޏެވެ. ރާއްޖެއިން ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މިފަހަރު ސާފް ޗެންޕިއަންޝިޕް ކާމިޔާބުކޮށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި އުފުލުން ވާނީ ސަރައްހަދުގައި ފައިތިލަ ސާބިދުކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް މޯހަން ބުންޏެވެ.

"އަޅުގަނޑުމެން ސާފް ޗެންޕިއަންޝިޕްގައި 1997ވަނަ އަހަރު ބައިވެރިވާން ފެށީއްސުރެން މިހާތަނަށް އަޅުގަނޑުމެން އައިސްފައިމިވަނީ ކޮންމެ މުބާރާތެއްގައިވެސް އެންމެ މަދުވެގެން ސެމީ ފައިނަލް ކުޅެމުން. އިންޑިޔާ ނަގާފަ އެންމެ ގިނަ ފައިނަލް މެޗްވެސް ކުޅެފައިވަނީ އަޅުގަނޑުމެން، އަދި އިންޑިޔާ ނަގާފައި އެންމެ ގިނަ ތަށިވެސް ހޯދާފައިވަނީ ރާއްޖެއިން. އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކަށް މިހާރުވަނީ އިންޑިޔާއާއި ވާދަކުރެވޭތޭ ބެލުން. ފަސޭހަ ކަމެއްނޫންކަން އިނގޭ، ވަރަށް ގިނަ ގޮތްގޮތުން އިންޑިޔާއަށް ފުރުސަތުވެސް ބޮޑު، ނަމަވެސް ރާއްޖެއަށް މިއީ ނުވާވަރުގެކަމެއް ނޫން." މޯހަން ބުންޏެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެ ރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެ ރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ތިން ވަނަ މެޗުގައި މިއަންނަ މަހުގެ 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއި ދެކޮޅަށެވެ.