ޚަބަރު

އިތުރު 141 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް


ރާއްޖެއިން އިތުރު 141 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޢަދަދު 84،300އިން މައްޗަށް އަރައިފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވީ ރަށްރަށުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑަށް އަލަށް ޕޮޒިޓިވްވި 141 މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައި ވަނީ 29 މީހުންނެވެ. އަތޮޅުތަކުގެ ރަށްރަށުން 108 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރިސޯޓްތަކުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކޯވިޑަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 84،720އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 1،601 މީހުންނެވެ. އަދި އޭގެތެރެއިން 19 މީހުންނަށް ފަރުވާދެމުން ގެންދަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 106 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 82،875 އަށް އަރާފައެވެ.

ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4،410 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 231 މީހުން ވަނީ ނިޔާވެފައެވެ.