ކުޅިވަރު

ލަންކާ ބަލިވީ ރެފްރީގެ ބައެއް ނިންމުންތައް ގޯސްވެގެން - އެލާޖިޗް


އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުން ސްރީލަންކާ ބަލިވީ ރެފްރީގެ ބައެއް ނިންމުންތައް ގޯސްވެގެންކަމަށް ސްރީލަންކާގެ ގައުމީ ކޯޗް އަމީރު އަލާޖިޗް ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ސްރީލަންކާ އާއި ބަންގްލަދޭޝް ވާދަކުރި ފުރަތަމަ މެޗް ބަންގްލަދޭޝް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗްގައި ބަންގްލަދޭޝް މޮޅުވީ އެޓީމަށް ލިބުނު ޕެނަންޓީއަކުން ގޯލް ކާމިޔާބުކޮށްގެންނެވެ. ސްރީލަންކާގެ އެންމެ މުހިންމު އެއް ޑިފެންޑަރަށް ޑަކްސަންއަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން މެޗްގެ އޮއިވަރަށް ވަރަށް ބޮޑު ބަދަލްތަކެއް ވަނީ އައިސްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗް އަމީރު އަލާޖިޗް ބުނީ މެޗްގައި ސްރީލަންކާއިން މޮޅަށް ކުޅުނުކަމަށާއި އަދި ގޯލް ޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ވެސް ކުރިކަމަށެވެ. އަދި މެޗުގައި ރަތް ކާޑް ފެނިގެންދިޔަ ހިސާބުން މެޗްގައި ސްރީލަންކާ ޓީމަށް މެޗްގައި ކުރިއަށްދިއުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމަށާއި ނަމަވެސް ރަތް ކާޑާއި ހަމައަށް ދެ ޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެއްކަމަށް ސްރީލަންކާގެ ގައުމީ ކޯޗް އަމީރު އަލާޖިޗް ބުންޏެވެ. އަދި ހާއްސަކޮށް މިފަދަ ބޮޑު މުބާރާތެއްގައި ރެފްރީކަން ކުރުމަށް ރަނގަޅު ރެފްރީން ބޭނުންވާނެކަމަށްވެސް އަލާޖިޗް ބުންޏެވެ. އަދި މެޗުން ސްރީލަންކާ ބަލިވިކަމަށް ވީނަމަވެސް، މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި، މެޗުން ބަލިވީ ފެންވަރު ދަށް ރެފްރީންގެ ނިންމުންތަކުގެ ސަބަބުންކަމަށްވެސް ސްރީލަންކާގެ ގައުމީ ޓީމުގެ ކޯޗް އަމީރު އަލާޖިޗް ބުންޏެވެ.

"ކުއްލިއަކަށް މެޗްގައި ބަންގްލަދޭޝަށް ޕެނަލްޓީއެއް ލިބިގެންދިޔަ. މިއީ ގަބޫލް ކުރަން ވަރަށް ދަތިކަމެއް. އެންމެ ބޮޑަށް ފަހާގަވެގެންދިޔައީ ރެފްރީންގެ ފެންވަރު ދަށްކަން. އެއްވެސް މީހެއް ބްލޭމްކޮށްފައި އެއްޗެއް ބުނަނީކީން ނޫން. ނަމަވެސް، މިފެންވަރުގެ މުބާރާތްތަކަށް މިއަށްވުރެއް ރަގަނޅު ރެފްރީން ބޭނުންވާނެ. ސައުތު އޭޝިޔާގެ ފުޓްބޯޅަ ވަރަށް ކުރިއެބައަރާ، ގައުމުތަކުން ވެސް ވަރަށް ގިނަ ލާރި އެބަ ޚަރަދު ކުރޭ ފުޓްބޯޅަ ކުރިއަރުވަން. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމަކީ އެހާ ފަސޭހަކެއްނޫން. އެއް ކުޅުންތެރިއަކު މަދުތަން އެހެން ކުޅުންތެރިން ބެލުމަކީ ވަރަށް އުދަގޫކަމެއް. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އިރުވެސް ލަންކާއިން ފުރުސަތު އުފެއްދި އަދި ކުޅުންތެރިޔާ ފޮނުވާލުމާއި ޕެނަލްޓީ ނުލިބުނުނަމަ، މެޗުން މޮޅުވެގެން ވެސް ފައިބާން ފުރުސަތު ލިބިގެންދާނެކަމަށް ގަބޫލް ކުރެވޭ." ލަންކާ ކޯޗް އަލާޖިޗް ބުންޏެވެ.

ސްރީލަންކާގެ ގައުމީ ކޯޗް އަމީރު އަލާޖިޗް ބުނީ މެޗްގައި ރަތް ކާޑު ދައްކާލާފައި ފޮނުވާލި ޑަކްސަންއަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށާއި ކުރިއަށް އޮތް މެޗުގައި ޑަކްސަންއަށް ނުކުޅެވުމަކީ ލަންކާ ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ. ނަމަވެސް ކުރިއަށް އޮތް މެޗުން މޮޅުވުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފަށާނެކަމަށް އަލާޖިޗް ބުންޏެވެ.