ކުޅިވަރު

ލިބޭ ފުރުސަތުގެ ބޭނުން ހިފަންޖެހޭ - އޮސްކާ


ކުރިއަށް ހުރި މެޗްތަކުން މޮޅުވުމަށް ލިބޭ ފުރުސަރުގެ ބޭނުން ހިފަންޖެހޭކަމަށް ބަންގްލަދޭޝް ޓީމުގެ ކޯޗު އޮސްކާ ބުރޫޒޮން ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗް ބަގްލަދޭޝް ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ.

އޮސްކާއަކީ ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗެކެވެ. އޮސްކާއާއި ބަންގްލަދޭޝް ޓީމުގެ ކޯޗުކަން ހާވަލްކުރީ އެމަގާމުގައި ކުރިން ހުރި ޖެމީ ޑޭ ވަގުތީ ގޮތުން ދުރުކުރުމަށްފަހުއެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ގައުމީ ޓީމު ކޮމެޓީއިން ނިންމީ ކޯޗު ޖެނީ ޑޭ މާގާމުން ވަކިނުކޮށް، ދެ މަސް ދުވަހަށް އޭނާ މަގާމުން ދުރުކުރުމަށެވެ.

އޮސްކާ ބުނީ މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ބަންގްލަދޭޝްއިންކަމަށާއި ސްރީލަންކާއިން ޑިފެންސަށް ވިސްނައިގެން ކުޅުމުގެ ސަބަބުން ގޯލް ޖެހުމަށް ގިނަ އުދަގޫތަކާއި ކުރިމަތިވިކަމަށެވެ. އަދި މިއާއެކު އަރިމަތި ބޭނުންކޮށްގެން ފުރުސަތު ތަނަވަސް ކުރުމަށް މަސައްކަތް ކުރިކަމަށް ވެސް އޮސްކާ ބުންޏެވެ. އަދި މިއާއެކު މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އަރިމަތި ބޭނުންކޮށްގެން ރަނގަޅު ފުރުސަތުތަކެއް ތަނަސްކުރިކަށްވެސް އޮސްކާ ވަނީ ފާހަގަކޮށްފައެވެ. އަދި މެޗުގެ ފަހުކޮޅަށް ދިޔަވަރަކަށް ބަންގްލަދޭޝް ޓީމުގެ ފިޓްނަސް ވެލެން ރަނގަޅުވުމުގެ ސަބަބުން މެޗްގެ ފަހުކޮޅުގައިވެސް މޮޅަށް ކުޅެވުނުކަމަށް އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މެޗުން މޮޅުވިނަމަވެސް ކުރިންވެސް ބަންގްލަދޭޝްއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަންނޭނގުންކަމަށެވެ. އެހެންކަމުން މިކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. މިއާއެކު ކުރިއަށް ހުރި މެޗުތަކުގައި ފިނިޝިން ރަގަނޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަން ވެސް އޮސްކާ ބުންޏެވެ. މިމެޗުގައި ބަންގްލަދޭޝްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ތިރިން ޕާސްކޮށްގެން ވެސް މޮޅު ކުޅުމެއް ކުޅެފައިވާކަމަށެވެ. އޮސްކާ ބުނީ ލިބުނު ފުރުސަތުގެ ތެރެއިން މަޑު ފުރުސަތެއްގެ ބޭނުން ހިފުނު ނަމަވެސް، މެޗުން އެއް ގޯލަށް ވުރެއް ގިނަ ގޯލް ޖެހުނީސްކަމަށެވެ.

"މިމެޗަށް ނިކުތްއިރުގައި ފީފާ ރޭންކިން ބުނާ ގޮތުން ލަންކާއަށް ވުރެއް ކުރީގައި އޮތީ ބަންގްލަދޭޝް. މިއީ ލިބުނު ހިންހަމަ ޖެހުމެއް. މެޗަށް ނިކުތް އިރުވެސް މެޗުން މޮޅުވާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރީ ބަންގްލަދޭޝް. މުބާރާތުގައި ކުރިއަށް ދިއުމަށް ފުރަތަމަ މެޗް ލަންކާއާއި ވާދަ ކުރުމަކީ ލިބޭ ހިތްހަމަޖެހުމެއް. މެޗްގައި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ، އަދި މިމެޗާއެކު ރަގަނޅު ކުރަންވީ ގިނަ ކަންތައްތަކެއްވެސް ދަސްވެގެންވެސްދިޔަ. މެޗުން 3 ޕޮއިންޓް ލިބުމުން ވަރަށް ހިތްހަމަޖެހޭ. މެޗުންގައި ކިތަންމެ މޮޅަށް ކުޅުނު ނަމަވެސް މެޗުން ތިން ޕޮއިންޓް ނުލިބެންޏާ އެ ވާނީ ބޭކާރުކަމަކަށް. މިމެޗުން މޮޅުވިނަމަވެސް، ކުރިއަށް ހުރި މެޗްތަކުގައި ގިނަ ފުރުސަތުތަކެއް ނުލިބޭނެ. އެހެންކަމުން ލިބޭ ފުރުސަތުގެ ބޭނުން ހިފަން ދަސްކުރަންޖެހޭ." އޮސްކާ ބުންޏެވެ.