ކުޅިވަރު

ހުއްދަ ނެތް ފަރާތްތަކުން ގައުމީ ޖޯޒީ ނުވިއްކުމަށް އެފްއޭއެމުން އެދިއްޖެ


އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ގައުމީ ޓީމު ބޭނުން ކުރަމުންދާ އޮފިޝަލް ޖޯޒީ، ހުއްދަ ނެތް ފަރާތްތަކުން ނުވިއްކުމަށް އެފްއޭއެމުން އެދިއްޖެއެވެ. މިފަހަރު ގައުމީ ޓީމް ބޭނުން ކުރަމުންދާ ޖޯޒީ އުފެއްދުމާއި ވިއްކުން ހަވާލްކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ އައިލެންޑް އެޕެރަލްސްއާއެވެ. މިއީ ގައުމީ ޓީމްގެ ޖޯޒީގެ އެންމެހާ ކަންކަން ދިވެހި ކުންފުންޏަކާއި ހަވާލް ކުރި ފުރަތަމަ ފަހަރެވެ. އެފްއޭއެމްއިން ބުނީ ދިވެހި ކުންފުންޏަކާއި މިފަހަރުގެ ގައުމީ ޓީމް ޖޯޒީ ހަވާލުކުރީ ދިވެހި ވަންތަގޮތަކަށް ޖޯޒީ ފަރުމާކުރުމުގެ ބޭނުމުގައިކަމަށެވެ.

އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމީ ޓީމުގެ ޖޯޒީ ފަރުމާކޮށް ވިއްކުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނީ އައިލެންޑް އެޕެރަލްސްއަށް ކަމަށާއި އެކަން އެހެން ފަރާތަކަށް ނުކުރެވޭނެކަމަށެވެ. އަދި ބައެއް ފަރާތްތަކުން މިޖޯޒީ ވިއްކަމުންދާތީ އެފްއޭއެމްއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ވަކިބަޔަކަށް ރައިޓްސް ދީފައިވާކަމެއްކަމުން އެހެން މީހުން މިކަން ނުކުރުމަށްވެސް އެފްއޭއެމްއިން ވަނީ އިލްތިމާޒްކޮށްފައެވެ. ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް ގައުމީ ޓީމަށް ތައްޔާރުކުރި ޖޯޒީ ދައްކާލާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އިވެންޓެއްގައެވެ. އެފްއޭއެމުން ބުނީ ކޮޕީރައިޓް ގާނޫނުގައި ބަޔާން ކުރާ ހަމަތަކާ ޚިލާފަށް އެފްއޭއެމްގެ ހުއްދަ ނެތި ގައުމީ ޓީމުގެ އޮފިޝަލް ޖޯޒީ ވިއްކަމުންދާ ނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް އެފްއޭއެމުން ގާނޫނީ ހައްލު ހޯދާނެ ކަމަށެވެ.

އައިލެންޑް އެޕަރަލްސް އިން ވަނީ ގައުމީ ޓީމު ބޭނުންކުރާ އޮފިޝަލް ޖޯޒީ އަށް އޯޑާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އަދި ޖޯޒީ ގަންނަން ބޭނުންވާ ފަރާތްތަކުން 9721111 އަށް ވައިބަރ ކުރުމަށް އައިލެންޑް އެޕެރަލްސް އިންވަނީ އެދިފައެވެ. ގައުމީ ޓީމުގެ ޖޯޒީ ޑިޒައިންކޮށްފައިވަނީ ޑިޒައިނަރު، ޢަބްދުﷲ ނަޝާތުއެވެ.