ކުޅިވަރު

ލަންކާ އަތުން މޮޅުވެ ނޭޕާލް ތާވަލްގެ އެއްވަނައަށް


އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާ ބަލިކޮށް ނޭޕާލް ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ. ނޭޕާލްއިންވަނީ މިރޭ ސްރީލަންކާ 3 ލަނޑު 2 ލަނޑުން ބަލިކޮށްފައެވެ. މިމުބާރާތުގައި ނޭޕާލް ކުޅުނު ފުރަތަމަ މެޗްގައިވަނީ ރާއްޖެއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން މޮޅުވެފައެވެ. މިއާއެކު ދެ މެޗުން ލިބުނު 6 ޕޮއިންޓްއާއެކު ނޭޕާލްއިން މިވަގުތަށް ވަނީ ތާވަލްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ތާވަލްގެ ދެވަނައިގައި އޮތީ 4 ޕޮއިންޓާއެކު އޮތް ބަންގްލަދޭޝްއެވެ. ތިންވަނައިގައި އޮތް އިންޑޔާއަށް 1 ޕޮއިން ލިބިފައިވާއިރު، ރާއްޖެ އާއި ލަންކާއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނޭޕާލަށްވަނީ ފައިނަލް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިފައެވެ. އަދި ލަންކާއަށްވަނީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.

މިމެޗަށް ލަންކާ ނިކުމެފައިވަނީ ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެންނެވެ. އަދި މެޗްގައިވެސް ލަންކާއިން ވަރަށް ބޮޑަށް އެޓޭކް ކުރަން މަސައްކަތް ކުރިއެވެ. ލަންކާއިން ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް، މެޗްގައި އެންމެ ފުރަތަމަ ދެ ހަމަލާވެސް އުފައްދާފައިވަނީ ނޭޕާލްއިންނެވެ. ނޭޕާލްގެ މިދެ ހަމަލާވެސް ލަންކާގެ ކީޕަރު ސުޖަން ޕެރޭރާވަނީ ދިފާޢުކޮށްފައެވެ. މެޗްގެ 31ވަނަ މިނެޓްގައި ނޭޕާލުންވަނީ ލަނޑެއްޖަހައި މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މިލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ ސުމަން ލާމާއެވެ. މިލަނޑަށްފަހު ލަންކާއިން ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކުރިނަމަވެސް، މެޗްގެ ފުރަތަމަ ހާފްގައި އެޓީމަށް ސުން ކަޑުވާލެވޭ ގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްގައި ލަންކާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ނޭޕާލަށް ލިބުނު ހިލޭޖެހުން އެޓީމުން ފޮނުވާލިނަމަވެސް ލަންކާގެ ކީޕަރުވަނީ އެބޯޅަ ދިފާޢުކޮށްފައެވެ. މެޗްގެ ދަވަނަ ހާފްގައި ލަނޑެއް ޖެހުމަށް ލަންކާއިން ކުރަމުންދިޔަ މަސައްކަތުގެ ހުރަހަކަށްވީ މެޗްގެ 51ވަނަ މިނެޓްގައި ނޭޕާލްގެ ނަވާޔުގް ޝްރެސްތާ ޖެހި ލަނޑާއެކުއެވެ. މެޗްގައި ދެ ލަނޑުގެ ލީޑެއްގައި އޮވެގެން ނޭޕާލުން ކުޅެމުންދިޔަ ނަމަވެސް، ލަންކާއިން ހިތްވަރު އެލުވާނުލާ ކުޅެމުންދިޔައެވެ. އަދި އެޓީމުން ލަނޑެއް ޖެހުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. އެގޮތުން މެޗްގެ ދެވަނަ ހާފްގައި ގޯލެއް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ މެޗްގެ 57ވަނަ މިނެޓްގައި ކަވިންދު އިޝާންއަށެވެ. ނަމަވެސް އިޝާން ފޮނުވާލި ބޯލަ ނޭޕާލްގެ ގޯލް ރޮނގުމަތިން ކަހަލަގޮތަކަށް އެޓީމުގެ ޑިފެންޑަރުން ދިފާޢުކުރިއެވެ.

ލަންކާއަަށް ލީޑް ހަނިކޮށްދިނީ 58ވަނަ މިނިޓުގައި އެޓީމަށް ލިބުނު ފުރުސަތެއްގައި މާވިން ހެމިލްޓަން އޮމޯލޭއެވެ. މިލަނޑާއެކު ލިބުނު ހިތްވަރުން ލަންކާއިން ނޭޕާލްގެ ގޯލަށް ބާރު ބޮޑު ކުރަމުންދިޔައެވެ. ނަމަވެސް އެޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ލަންކާއިން ވަރަށް ބޮޑަށް ކުރިއަރައިގެން ކުޅެމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން ނޭޕާލުންވެސް އެޓީމަށް ލިބުނު ފުރުސަތުގައި ލަންކާގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. ލަންކާއިން ކުރިއަރައިގެން ކުޅެމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން މެޗް ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ނޭޕާލުންވަނީ ލަނޑެއްޖަހާ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޔޫޝް ގާލަންއެވެ. މެޗުގެ އިތުރު ވަގުތުގައި ލަންކާ އިން ފަރަގު ކުޑަކުރީ ލިބުނު ޕެނަލްޓީއަކުން ޑިލަން ސެނަން ޑިސިލްވާ ކާމިޔާބުކުރި ލަނޑުންނެވެ.