ކުޅިވަރު

މުބާރާތުގެ ސަޕްރައިޒިން ޓީމަކީ ނޭޕާލް: މުތައިރީ


އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ދެ މެޗުން މޮޅުވުމާއި ގުޅިގެން މިހާރު މިމުބާރާތުގައި ވާދަކުރާ އެންމެ ސަޕްރައިޒް ޓީމަކީ ނޭޕާލްކަމަށް އެޓީމުގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ބުނެފިއެވެ. މިމުބާރާތުގައި ނޭޕާލުން ދެ މެޗް ކުޅެފައިވާއިރު، އެޓީމުންވަނީ އެ ދެ މެޗްވެސް ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗްގައި ރާއްޖެ ބަލިކޮށްފައިވާއިރު، ރޭގެ މެޗުގައިވަނީ ލަންކާ ބަލިކޮށްފައެވެ. ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލްގެ އެއްވަނައިގައއެވެ.

މެޗަށްފަހު ވާހަދައްކަމުން ނޭޕާލް ޓީމުގެ ކޯޗް ޢަބްދުﷲ އަލްމުތައިރީ ނޭޕާލުން ބޭނުންވަނީ ޕޮއިންޓް ހޯދަންކަމަށާއި މިމުބާރާތަށް ނޭޕާލްއިން އައީވެސް މެޗްތަކުން މޮޅުވާންކަމަށެވެ. އަދި ކުޅުނު ދެ މެޗުން 6 ޕޮއިންޓް ލިބުމުން، މުބާރާތަށް އައި މަގްސަދުގެ ދެޕަސެޓް ހާސިލްވެއްޖެކަމަށާއި އަދިވެސް ކުރިއަށް ކުރަން ހުރި މަސައްކަތް ވަރަށް ގިނަކަމަށް ވެސް ކޯޗު ބުންޏެވެ.

ރޭ ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ބުނީ މުބާރާތެއްގައި އެންމެ މުހިއްމު ކަމަކީ ޕޮއިންޓް ހޯދުން ކަމަށެވެ. އަދި ދެ މެޗުން ހޯދޭނެ ޖުމްލަ އަދަދު، ހަ ޕޮއިންޓް ނޭޕާލަށް ލިބިފައި އޮތުމުން އޭނާ ދެކެނީ ނޭޕާލް މި އޮތީ ފައިނަލަށް ކޮލިފައިވުމުގެ "އެއް ޕަސެންޓް ހާސިލްވެފައި" ކަމަށް މުތައިރީ ބުންޏެވެ. ރާއްޖެ މެޗުންނާއި ރޭ ލަންކާ މެޗުން މޮޅުވުމަށްފަހުވެސް ކޯޗްވަނީ އެއް ވާހަކައެއް ތަކުރާރުކޮށްފައެވެ. ކޯޗްބުނީ އަދި މާބޮޑަށް އުފާވެގެން އުޅޭވަރެއް ނުވާކަމަށާއި އަދި ހަމަޖެހިގެން ތިބެންޖެހޭކަމަށެވެ. ނަމަވެސް ދެ މެޗުން ނޭޕާލް މޮޅުވުމުން މިހާރު ޕްރެޝަރު އޮތީ އެހެން ޓީމްތަކަށްކަމަށް ނޭޕާލްގެ ކޯޗް ބުންޏެވެ. އަދި މިހާރު މަޑުކުރަން ޖެހިފައި މިއޮތީ މިއަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗްތައް ބަލަންކަމަށާއި އަދި ކުރިއަށް ހުރި މެޗްތަކުން އިތުރު ސަޕްރައިޒްތަކެއް ވެސް ފެނިގެން ގޮސްދާނެކަމަށް ނޭޕާލް ޓީމްގެ ކޯޗް ޢބްދުﷲ އަލްމުތައިރީ ބުންޏެވެ.

"އަހަރެންގެ ނަޒަރުގައި އެއްވެސް މެޗެއް ޔަގީނެއް ނުކުރެވޭނެ. ނުބުނެވޭނެ މި މެޗުން މޮޅުވާނަމޭ މި މެޗުން ބަލިވާނަމޭ. މި މެޗު އެއްވަރުކުރާނަމޭ. ތިން ދުވަސް ފަހުން ވަރަށް ބައިވަރު އަހަރެމެންނަށް ގަބޫލުކުރަން ދަތި ސަޕްރައިޒްތަކެއް ވެސް ފެނިދާނެ. މިހާރު އިންޑިއާ އަށް ޕްރެޝަރު އޮންނާނެ. ބަންގްލަދޭޝާ އެއްވަރުވެ، ދެ ޕޮއިންޓް ގެއްލުނީމަ. ރަހުމަތްތެރިކަމުގެ މެޗުތައް ކުޅޭނަމަ ކުޅުމަށް ވިސްނަންވީ. އެއީ މެޗުން ނަތީޖާ ނެރެން އެ ކުޅުން މުހިންމުވާނެތީ. ދެން މެޗަށް ނުކުމެފައި ނަތީޖާ ނުނެރެ ބޯޅަ ހިފެހެއްޓުމުގެ މާނައެއް ނެތް. ފަހަރެއްގައި މީހުން ހިތްހަމަނުޖެހިދާނެ މިރޭ އާއި ރާއްޖެ މެޗުގައި އަހަރެމެން ކުޅުނު ގޮތުން. އެ ކަމަކު ކީއްވެ އެކަމާ އަހަރެން ދެރަވާންވީ އަހަރެން އަތުގައި ދެ މެޗުން ލިބެންޖެހޭ ހަ ޕޮއިންޓް އެބައޮތް،" މުތައިރީ ބުންޏެވެ.

ނޭޕާލް ކޯޗް އަލް މުތައިރީބުނީ ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ދޭން ބޭނުންނުވާކަމާއި މީޑިޔާއާއި ދުރުގައި ކުޅުންތެރިން ގެންގުޅެނީވެސް އެ ސަބަބާހުރެކަމަށެވެ. ބައެއް މީޑިޔާތަކުން މިކަމާއި ރުޅިއަންނަކަމަށާއި ނަމަވެސް މުބާރާތުގައި ކާމިޔާބު ހޯދަން ބޭނުންވާކަމަށްވާނަމަ، މިފަދަ ކަންތައްތައް ކުރަން ޖެހޭކަމަށް ކޯޗް އަލް މުތައިރީ ބުންޏެވެ.