ވިޔަފާރި

މައިސް ޓޫރިޒަމަށް ބައިނަލްއަޤްވާމީ ކުންފުނިތަކުން ރާއްޖެއަށް ޝައުގުވެރިކަން އެބަހުރި: ޠައްޔިބު


ރާއްޖޭގައި މައިސް ޓޫރިޒަމަށް ފުރުސަތު އެބައޮތް ކަމަށާއި ކުންފުނިތަކުގެ ޝައުގުވެރިކަން ރާއްޖެއަށް އެބަހުރި ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

މައިސް ޓޫރިޒަމް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން އިންޑިއާގައި މިހާރު ކުރިއަށްދާ މިލްޓް ކޮންގްރެސްގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ވަނީ "ރީ-ޑިފައިނިންގ މައިސް" ގެ ނަމުގައި ޚާއްސަ ކެންޕެއިނެއްވެސް އިފްތިތާހްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވިދާޅުވީ، މިހާރުވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް މައިސް ޓޫރިޒަމް އެބައޮތްކަމަށެވެ. ނަމަވެސް ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މިހާރަށްވުރެ ފުޅާކޮށް ރާއްޖޭގައި މައިސް ޓޫރިޒަމް ކުރިއެރުވުންކަމަށެވެ. އެގޮތުން މިލްޓް ކޮންގްރެސްގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ވަނީ ޚާއްސަ ކެންޕެއިނެއްވެސް އިފްތިތާހްކޮށްފައެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މައިސް ޓޫރިޒަމަށް ހުރި ފުރުސަތުތައް އިންޑިއާގެ މި މާކެޓަށް ބުނެދީ އެމީހުންގެ ޝައުގުވެރިކަން ރާއްޖެއަށް އުފެއްދުން ކަމަށް ޠައްޔިބު ވިދާޅުވިއެވެ.

ޠައްޔިބު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އިވެންޓެއްކަމަށެވެ. އިވެންޓްގެ ތެރެއިން ރާއްޖޭގައި މައިސް ޓޫރިޒަމަށް އޮތް ފުރުސަތުތައް އެމީހުންނަށް އެނގިގެންގޮސްފައިވާކަމަށާއި، އެމީހުންގެ ޝައުގުވެރިކަން ރާއްޖެއަށް އުފެދިފައިވާކަމަށެވެ.

"ރާއްޖޭގައި ކުރޭ ކޮންމެވެސް ވަރަކަށް މިހާރުވެސް މިކަން އެހެންނަމަވެސް މީހުންނަށް ބުނެދެނީ މި މީހުންނަށް ރާއްޖޭގައި ކުރެވިދާނެއޭ މިކަންކަން މިގޮތަށް. މިދަނޑިވަޅު އެންމެ ސޭފް އެއް ޑެސްޓިނޭޝަންއޭ މިއީ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުން މި ދަނޑިވަޅު ރާއްޖެއޭ އެންމެ ރަނގަޅީ އަންނާށޭ ގްރޫޕްތައް ހަދައިގެން. ވަރަށް ރަނގަޅަށް މީހުންނަށް މިކަން އަންޑަސްޓޭންޑް ވެއްޖެ އަދި އެމީހުންނަށް ވަރަށް ކަމުގޮސްފި. ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި އެމީހުންވެސް ބުނަނީ." ޠައްޔިބު ވިދާޅުވިއެވެ.

މި އިވެންޓްގައި ވިޒިޓް މޯލްޑިވްސްއާއިއެކު ބައިވެރިވި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޑިރެކްޓަރ މާކެޓިންގ އެންޑް ސޭލްސް އަލީ ރަޝީދު އާދަމް ވިދާޅުވީ، މައިސް ޓޫރިޒަމަށް އިންޑިއާގައި ވަރަށް ބޮޑު މާކެޓެއް އެބައޮތްކަމަށެވެ. މިއީ ކާމިޔާބު އިވެންޓެއްކަމަށާއި، ރާއްޖޭގައި މައިސް ޓޫރިޒަމަށް ފުރުސަތު އޮތްކަން އެނގުމުން އިންޑިއާގެ ބޮޑެތި ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

މި އިވެންޓްގައި ބައިވެރިވި ދިވެހި އަމިއްލަ ކުންފުނިތަކުގެ އަދަދު މަދުކަން ފާހަގަކުރައްވައި އަލީ ރަޝީދު ވިދާޅުވީ، ވިޒިޓް މޯލްޑިވްސްއިން މިފަދަ ހަރަކާތްތައް ހިންގާއިރު ރާއްޖޭގެ ކުންފުނިތަކުން މި ފުރުސަތުގެ ބޭނުން ހިފަންޖެހޭކަމަށެވެ. އޭރުން އެކިއެކި ރިސޯޓްތަކުގައި ހުރި ފުރުސަތުތައް ބޭރުގެ ފަރާތްތަކަށް ބުނެދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މައިސް ޓޫރިޒަމަށް އަޅުގަނޑުމެންނަށް މާބޮޑަށް މިއޮތީ އަދި ފޯކަސް ނުކުރެވި. އިންޑިއާގެ ވަރަށް ބޮޑު ޓޫރިޒަމްއެއް އެބައޮތް ކޯޕަރޭޓް ސެކްޓަރގައި. އެ ފުރުސަތު ވަރަށް ބޮޑަށް މިތާނގައި އެބައޮތް. އަޅުގަނޑުމެން މިތަނުގައި މިފަހަރު ބައިވެރިވީމަ މިއެނގުނީ ހަގީގަތުގައި ރާއްޖެއަށް ވަރަށް ބޮޑަށް އެމީހުން ޓާގެޓްކޮށް ރާއްޖެ ކަހަލަ މިވަގުތު ވަރަށް ފަސޭހައިން ދަތުރުކުރެވޭ ގައުމުތަކަށް އެމީހުން އެބަހުރި ޓާގެޓްކޮށްފައި. ބޮޑެތި ކުންފުނިތަކުގެ ވަރަށް ބޮޑު ޓާގެޓެއް އެބައޮތް ރާއްޖޭގައި މައިސް ޓޫރިޒަމަށް ފުރުސަތު އޮތްކަން އެނގުނީމަ ރާއްޖެއަށް ފޯކަސް ކުރަން. ގިނަ ފަރާތްތަކާއި އަޅުގަނޑުމެންނާއި ބައްދަލުވެއްޖެ. އެންމެން ކަހަލަ ގޮތަކަށް އެމީހުންގެ އިންޓްރެސްޓް ރާއްޖެއަށް އެބަހުރި. އަޅުގަނޑު ދެކެނީ ވަރަށް ކާމިޔާބު އިވެންޓެއްކަމަށް މިއީ." އަލީ ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އެކިއެކި ޕްރޮޑަކްޓްތައް އިތުރުކޮށް ރާއްޖެއަކީ އެކިކަހަލަ ފަތުރުވެރިންގެ ޝައުގުވެރިކަން އޮތް މަންޒިލަކަށް ހެދުމަށް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ އެކިއެކި ފެއަރތަކުގައި ބައިވެރިވެ ރޯޑްސޯތަކާއި ކެންޕެއިންތައް އަންނަނީ ހިންގަމުންނެވެ.