ގްރީސްގެ ޕޯސްޓް އޮފީހުގައި ސިޓީތަކާއި ޕާރުސަލްތަށް ވަކިކުރުމުގެ މަސައްކަތް ކުރުމަށް ރޮބޮޓްތަކެއް ބޭނުން ކުރަން ފަށައިފިއެވެ.
ރީނދޫ ކުލައިގެ ހަތަރު ފުރޮޅުލީ މި ރޮބޮޓުތަކަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތްކުރާ ރޮބޮޓުތަކެކެވެ. މިފަދަ 55 ރޮބޮޓު ޕޯސްޓު އޮފީހުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާއިރު، މަސައްކަތުގެ ދުވެލި ހަލުވިވެފައިވާކަމަށް ޕޯސްޓު އޮފީހުން ބުނެއެވެ.
މި ރޮބޮޓުތަކުގެ މައިގަނޑު މަސައްކަތްތަކީ ޕޯސްޓު އޮފީހަށް ލިބޭ ތަކެތީގެ ޕޯސްޓަލް ކޯޑްތަށް ސްކޭންކޮށް، އޭގެ ބަރުދަން ބަލައި ޑެލިވަރީއަށް ފޮނުވާލުމަށް އެ ޕާރުސަލެއް ލާން ޖެހޭ ވަށިގަނޑަކަށްލުމެވެ. ގްރީސް ސަރުކާރުން ހިންގާ އެޤައުމުގެ ޕޯސްޓު އޮފީހުން މިގެނައި ބަދަލަކީ އެ އޮފީހުންގެ މަސައްކަތް ޑިޖިޓަލައިސް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ގެނައި ބަދަލެކެވެ. އަދި ކޯވިޑާގުޅިގެން އޮންލައިން ވިޔަފާރިތައް އިތުރުވެެފައިވާއިރު، ޕޯސްޓު އޮފީހަށް ޑިމާންޑު ބޮޑުވެ، ޕާރުސަލްތަށް ވަކިކުރުމުގެ މަސައްކަތްވެފައިވަނީ ގިނަ ވަގުތު ހޭދަވާ ބުރަ މަސައްކަތަކަށެވެ.
މިހާތަނަށް އެ ޕޯސްޓު އޮފީހުން މެއިލްތަށް ބަކިކުރުމުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ މެނުއަލްކޮށެވެ. މީގެ ސަބަބުން މި މަސައްކަތް ކުރާ މީހުންގެ އަތުން ނުބައިކޮށް ތަކެތި ޑިލިވަރ ކުރުމަށް ފޮނުވޭކަމަށް ގްރީސްގެ ޕޯސްޓު އޮފީހުން ބުނެއެވެ.
މިހާރު އެ އޮފީހުގައި ޕާރުސަލްތަށް ވަކިކުރުމުގެ މަސައްކަތުގެ %80 މަސައްކަތް ކުރަނީ ރޮބޮޓުތަކުގެ އެހީގައެވެ. މިއާއެކު ކުރިއާ އަޅާ ބަލާއިރު މި މަސައްކަތް 3 ގުނައަށް ހަލުވިވެފައިވާކަމަށާ ތަކެތި ލިބޭތާ ޖެހިގެން އަންނަ ދުވަހު ޑެލިވަރީއަށް ފޮނުވާލެވޭކަންވެސް ޕޯސްޓު އޮފީހުން ފާހަގަކުރައްވަައެވެ.
މި ރޮބޮޓްތަކަށް ދުވާލެއްގެ މައްޗަށް 168000އާ ހަަމައަށް ޕާރުސަލްތަށް ސޯޓުކުރެވޭ އިރު، ކޮންމެ 4 ގަޑިއިރަކުން 5 މިނެޓް ވަންދެން ރިޗާޖު ކުރަން ޖެހެއެވެ.