އިންޑިއާގެ މަޝްހޫރު އެއާލައިން ސްޕައިސް ޖެޓުގެ ފައިދާއާއި ޚަރަދު ދާދި އެއްހަމައަަކަށް ދިއުމާއެކު ފްލީޓް ބޮޑުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނީ ޗެއާމަން އަޖޭ ސިންގް އިނޑިއާގެ ނޫސްތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެހެން އެއަރލައިންތަކެކޭ އެއްފަދައިން އެ އެއަރލައިނަށް ވެސް ކޯވިޑުގެ ސަބަބުން ބޮޑެތި ގެއްލުން ތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ދިއުމާއި އަހަރުގެ ފަހު ކުއާޓާގައި، ޚަރަދާއި، ފައިދާ އެއްހަމައަކަށް ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކުންފުނީގެ ވައިގެ އުޅަނދުތަކުގެ ލީސް އެގްރީމެންޓުތަކާމެދު މަޝްވަރާކޮށް، ކުންފުނީގެ އުދުހުންތަށް އިންޑިއާގައި ވަނީ އިތުރުވެފައެވެ.
އެކުންފުނިން ބޮއިންގް ކުންފުންޏާއެކު ހަދާފައި ލީސް އެގްރިމެންޓުތަކާއި ގުޅިގެން ކުރިއަށް ދެން ޢަމަލުކުރާނެ ގޮތަކާމެދު އެއްބަސްވުމަކަށް އަންނަން ޖެހެއެވެ. އަޖޭ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެއަހަރުދުވަހުގެ ތެރޭގައި 40 ވަރަކަށް ޕެސެންޖަރ ފްލައިޓު ގެނައުމުގެ ވިސްނުން ހުރި ކަމަށެވެ. އޭނާ ވިދާޅުވީ، އެކުންފުންޏަށް ހަޤީގަތުގައިވެސް އިތުރު ފްލައިޓު ތަކުގެ ބޭނުން ޖެހިފައިވާ ކަމަށާއި، އެއީ ކުރިއަށް އޮތް އަހަރު ގިނަ ލީސް އްގްރިމެންޓުތަށް ހަމަވާނެތީއެވެ.
ސްޕައިސް ޖެޓަކީ މިސަރަހައްދުގައި އެންމެ ފުޅާކޮށް އުދުހޭ ބަޖެޓް އެއާލައިނެވެ. ސްޕައިސް ޖެޓުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި އެކުންފުންޏަށް 98 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ކޯވިޑުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ކުޑަކޮށް ގިނަ މަސްތަކެއް ވެގެން ދިއުމާއި އެއްކޮށް އެ އެއާލައިނާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރުގައި ދިއްލީ އެއާޕޯޓުގައި މުވައްޒަފުން މުޒާހަރާވެސް ކުރިއެވެ.
ނަމަވެސް މިހާރު ހުރިހާ މުވައްޒަފުންގެ މުސާރަ އަލުން އިޔާދަކޮށްފައިވާކަން އަޖޭ ސިންގް ވިދާޅުވިއެވެ. އަދި އެކުންފުންޏަށް މިހާރު ޢާމްދަނީގެ ގޮތުގައި 350 މިލިއަން ޑޮލަރު ޖެހޭއިރު، ކުރިއަށް އޮތް ދެ ތިން އަހަރެއްގެ ތެރޭގައި ބިލިއަނަކަށް އަރައިގެން ދާނެ ކަމަށް އޭނާ ލަފާ ކުރެއެވެ.
ސްޕައިސްޖެޓުގެ ހިއްސާތަށްވެސް މިދިޔަ އަހަރު ހުރީ %20 ދަށަށް ގޮސްފައިކަން އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު ހިއްސާތަކުގެ އަގު %1 ކުރިއަށް ޖެހިލުމާއި އެކު އެކުންފުނީގެ މުސްތަޤުބަލު މިވަނީ އުޖާލާ ވެގެން ދާނެ ކަމަށް މިވަނީ ބެލެވިފައެވެ.
ސްޕައިސް ޖެޓުގެ ފްލައިޓުތަށް ބޯޑަރު ބަނދުވުމާއި އެކު ރާއްޖެއަށް ވެސް ހުއްޓިގެން ދިޔައެވެ. ނަމަވެސް މިދިޔަ މަހުގެ މެދެއްހާ ހިސާބު ފްލައިޓުތަށް އަލުން ރާއްޖެއަށް އަންނަން ވަނީ ފަށާފައެވެ.