ކުޅިވަރު

މިއީ މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ - އަލަޖިޗް


އިންޑިޔާ މެޗުން ލިބުނު ޕޮއިންޓަކީ މިހާތަނަށް ލަންކާ ޓީމާއެކު ހޯދުނު އެންމެ ބޮޑު ކާމިޔާބީކަމަށް ސްރީލަންކާގެ ކޯޗު އާމިރް އަލަޖިޗް ބުނެފިއެވެ. 2003ވަނަ އަހަރަށްފަހު މިއީ ސްރީ ލަންކާއިން އިންޑިޔާއާ އެއްވަރުކުރި ފުރަތަމަ ފަހަރުއެވެ. 2003ވަނަ ފަހު ލަންކާގެ ގައުމީ ޓީމާއި އިންޑިޔާގެ ގައުމީ ޓީމް 4 މެޗް ކުޅެފައިވާއިރު، މި4 މެޗުވެސް ކާމިޔާބުކޮށްފައިވަނީ އިންޑިޔާއިންނެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާއިން މިހާތަނަށް 3 މެޗް ކުޅެފައިވާއިރު، އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ފުރަތަމަ މެޗު ބަންގްލަދޭޝް އަތުން ބަލިވެ، ދެވަނަ މެޗު ވަނީ ނޭޕާލް އަތުން ބަލިވެފައެވެ. އަދި އިއްޔެ ހަވީރު އިންޑިޔާ އާއި ވާދަކޮށް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފަ. ލަންކާއަށްވަނީ ކުޅުނު ތިން މެޗުން 1 ޕޮއިންޓާއެކު މުބާރާތުން އަލްވަދާޢު ކިޔަންޖެހިފައެވެ.

ސްރީލަންކާގެ ކޯޗު އާމިރް އަލަޖިޗް ބުނީ މިއީ ލަންކާ ޓީމައަށް ލިބުނު ވަރަށް މުހިންމު ތިން ޕޮއިންޓްކަމަށާއި އަދި މިއީ މިހާތަނަށް އޭނާއަށް އެޓީމާއެކު ހޯދުނު އެންމެ މުހިންމު ތިން ޕޮއިންޓުކަމަށްވެސް އަލަޖިޗް ބުންޏެވެ. އަދި އިންޑިޔާ ފަދަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ހޯދުމަށް ލަންކާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދުވެސް ވަރަށް ހިތްހަމަޖެހޭކަމަށާއި ކޯވިޑް-19އާއި ގުޅިގެން ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ މިޓީމުގެ ކުޅުންތެރިންގެ ހިތްވަރަށްވެސް ލަންކާ ޓީމުގެ ކޯޗް އަލަޖިޗްވަނީ ތަޢުރީފްކޮށްފައެވެ.

"ސްރީލަންކާގައި އެބަތިބި ހަގީގަތުގައި އެއްވެސް ކަމެއް ނެތި އަހަންނަށް ފާޑުކިޔާ މީހުން. މިއީ އެ މީހުން ބަލާލަން ރަނގަޅު މެޗެއް. 18 ވަރަކަށް ދުވަހުގެ ތައްޔާރީ އަށް ފަހު އެންމެ ފަހުން 12 މެޗުގައި މޮޅެއް ނުލިބި އޮތް ޓީމަކުން މި އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން. މިއަދު އިންޑިއާ ކަހަލަ ޓީމަކާ އޮގަނައިޒް ކުޅުމެއް ކުޅެގެން ޕޮއިންޓެއް މި ހޯދީ. އަހަރެން އެންމެ ފުރަތަމަ ވެސް ބުނިން ނަތީޖާ ކޮންމެ ގޮތަކަށް ވެސް ގޮސްފާނެއޭ. އަހަރެމެން މިތަނަށް އައި ބޭނުމަކީ ދަސްކުރުމޭ. އެކަމަކު އެއީ ވެސް ކޮންމެ ވެސް ހިސާބަކުން ހުއްޓޭނެ ކަމެއް. އެއީ ނަތީޖާ ވެސް ނެރެން ޖެހޭ. މިއަދަކީ ނަތީޖާ ނެރެންކުޅެ އޮގަނައިޒް ކުޅުމެއް ދެއްކި ދުވަހެއް،" އަލަޖިޗް ބުންޏެވެ.

މިމުބާރާތުގައި ލަންކާއިން މިއަންނަ އާދިއްތަ ދުވަހު އެޓީމް ކުޅޭ ފަހު މެޗްގައި ވާދަކުރާނީ ދިވެހިރާއްޖެއާއިއެވެ. އަލަޖިޗް ބުނީ އެންމެ މެދުވެގެން ރާއްޖެ މެޗުން މޮޅެއް ހޯދަން ބޭނުންވާކަމަށެވެ.