އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ވަނީ 204530 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނަ ޒިޔާރަތްކުރާ ޤައުމަކަށް އިންޑިއާވެފައިވާއިރު، މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 23 އިންސައްތައެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް އިންޑިއާވެފައިވާއިރު، ކޯވިޑްގެ ކުރިން 2019ވަނަ އަހަރު އިންޑިއާ އޮތީ ރާއްޖެއަށް 2ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ. އެގޮތުން އެ އަހަރު ތެރޭ އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 166030 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 890363 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 119.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 30 އިންސައްތަ ދަށް އަދަދެކެވެ.
ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 174095 ފަތުރުވެރިން އައިސްފައިވާއިރު މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މުޅި ޖުމްލަ ފަތުރުވެރިންގެ 19.2 އިންސައްތައެވެ.
ރަޝިއާވެފައިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ޤައުމަށެވެ. އެގޮތުން ކޯވިޑްގެ ކުރިން ރަޝިއާ އޮތީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ އަދަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައިއެވެ. އެގޮތުން 2019ވަނަ އަހަރު އެޤައުމުން ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 83369 ފަތުރުވެރިންނެެވެ.
ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޖަރުމަންވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް އަހަރުގެ މިހާތަނަށް 55707 ފަތުރުވެރިން ވަނީ އާއިސްފައެވެ.
ތަފާސް ހިސާބުތަށް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 3203 ފަތުރުވެރިންނެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.