ކުޅިވަރު

މެޗުން މޮޅުވިއަސް ލިބޭ ފުރުސަތުގެ ބޭނުން ހިފަންޖެހޭ: ސްޓިމަކް


މެޗުން މޮޅުވެ ތިން ޕޮއިންޓާއެކު ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމާއެކު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި އިންޑިޔާއިން މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު، މިއީ އެޓީމަށް މޮޅެއް ހޯދުނު ފުރަތަމަ މެޗެވެ. ބަންގްލަދޭޝްއާއި ވާދަކުރި ފުރަތަމަ މެޗުން 1 ލަނޑު 1 ލަނޑުން އެއްވަރުވެފައިވާއިރު، ދެވަނަ މެޗްގައި ލަންކާއާއި ވާދަކޮށް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. އަދި ރޭ އިންޑިޔާއިން ނޭޕާލްގެ މައްޗަށް 1 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. މިމޮޅާއެކު މިވަގުތު އިންޑިޔާ އޮތީ 5 ޕޮއިންޓާއެކު ތާވަލްގެ 3 ވަނައިގައެވެ. ނޭޕާލް ބަލިވުމުން ރާއްޖެ އަށް ވަނީ ތާވަލްގެ 1 ވަނަ ލިބިފައެވެ. އެއީ ލަނޑުގެ ތަފާތުންނެވެ. ދެވަނައިގައި ނޭޕާލް ވެސް އޮތީ 6 ޕޮއިންޓާއެކުއެވެ. ބަންގްލަދޭޝް އޮތީ 4 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. ލީގު އުސޫލުން ކުޅޭ ބުރުގެ ފަހު މެޗުތައް ބުދަ ދުވަހު ކުޅޭއިރު، މި ހަތަރު ޓީމަށް ވެސް ފައިނަލްގެ ފުރުސަތު އެބައޮތެވެ.

ވާދަވެރި މެޗަކަށްފަހު އިންޑިޔާގެ ކޯޗް އިގޯ ސްޓިމަކްބުނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުމުން ވަރަށް އުފާވާކަމަށާއި މެޗަށް ނިކުތީވެސް ތިން ޕޮއިންޓް ހޯދަންކަމަށެވެ. އަދި ނޭޕާލް މެޗުން ހޯދުނު ތިން ޕޮއިންޓާއެކު މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ހުޅުވުމުން ލީގް ބުރުގެ ފަހު މެޗާއި ހިސާބަަށް މިހާރު އިންތިޒާރު ކުރަންޖެހިފައިވާކަމަށެވެ. ކޯޗް ބުނީ ރޭގެ މެޗުގައި އިންޑިޔާގެ ޓީމުގެ ކުޅުންތެރިން ކުޅެފައިވާ ގޮތާމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި މަދު ކަންތައްތަކެއް ފިޔަވައި، އެހެން ހުރިހާކަމެއް ދިޔައީން އިންޑިޔާ ޓީމް ބޭނުންވާ ގޮތަށްކަމަށް ވެސް އިންޑިޔާ ޓީމުގެ ކޯޗް އިގޯ ސްޓިމަކް ބުންޏެވެ.

"އަހަރެން ބޭނުންވާ ގޮތަށް ވަރަށް ގިނަ ކަންތައްތަކެއް ދިޔަ. ނަމަވެސް ލިބުނު ފުރުސަތުތަކާއި އަޅާބަލާއިރު މަދު ފުރުސަތެއްވަނީ ކާމިޔާބުކުރެވިފަ. އެހެން ވީމަ ގޯލް ޖަހައި ރޭޓު އެބަޖެހޭ ގިނަ ކުރަން. މިމެޗްގައިވެސް ލިބުނު ފުރުސަތުގެ ތެރެއިން އެންމެ ފުރުސަތެއް ގޯލަކަށް ބަދަލްކޮށްލެވުނީ. މިއީ ކުރިންވެސް އިންޑިޔާގެ ޓީމަށް ދިމާވާ މައްސަލައެއް. މިކަމަށް އެބަޖެހޭ ހައްލެއް ހޯދަން. މިފަދަ މެޗްތަކުން ލިބޭ ފުރުސަތުގެ ބޭނުން އެބަޖެހޭ މެޗްގެ ކުރީކޮޅުގައި ހިފަން. އެހެން ނޫނިއްޔާ މެޗްގެ ފަހުކޮޅަށްދާ ވަރަކަށް ޓީމަށް އުނދަގޫވާނެ. ނަމަވެސް މިކަންތައްތަކާއި ކުރިމަތިލާން ޖެހޭނީ ވަރަށް ކެތްތެރިކަމާއެކު." އިންޑިޔާގެ ކޯޗް އިގޯ ސްޓިމަކް ބުންޏެވެ.