ކުޅިވަރު

ރާއްޖެ މޮޅުވީ 12ވަނަ ކުޅުންތެރިޔާގެ ސަބަބުން: އަލަގިޗް


ދިވެހި ޓީމުން ބާރަވަނަ ކުޅުންތެރިއާގެ ބޭނުން ވަރަށް ރަނގަޅަށް ހިފިކަމަށާއި ސްރީލަންކާގެ ކުޅުންތެރިންނަށް އެކަން ވަރަށް ބޮޑަށް ދެއްކިކަމަށް ސްރީ ލަންކާ ޓީމުގެ ކޯޗު އާމިރު އަލަގިޗް ބުނެފިއެވެ. 1-0 ދިވެހި ޓީމު އަތުން ބަލިވެ މުބާރާތް ނިންމާލި މެޗަށްފަހު ސްރީލަންކާގެ ކޯޗު ބުނީ ސްރީލަންކާ ކުޅުންތެރިން މީގެކުރިން ކުޅެމުންދިޔައީ ހުސް ސްޓޭޑިއަމްތަކެއްގައި ކަމަށާއި ގިނަ ސަޕޯޓަރުން ތަކެއް ކުރިމަތީ ކުޅުން ޖެހުމުން ވަރަށް އުނދަގޫވިކަމަށެވެ.

މީގެއިތުރުން އަލަގިޗް ބުނީ މިއީ ވަރަށް މަޔޫސްކުރުވި މުބާރާތެއް ކަމަށެވެ. ކޮންމެ މެޗެއްގައިވެސް ލަންކާ ޓީމު ބަލިވެފައިވަނީ ވަރަށް ކުޑަ ތަފާތަކުން ކަމަށާއި އެހެންވުމުން އިތުރު އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. ރާއްޖެ އާއި ބައްދަލުކުރި މެޗުގައިވެސް ރެފްރީގެ ނިންމުންތަކާއި މެދުވެސް އަލާގިޗް ވަނީ ސުވާލު އުފައްދާފައެވެ. އަލަގިޗް ބުނީ މިހާރު އެންމެ މުހިއްމު ކަމެއް ދޭންވީ ދެންއަންނަ މުބާރާތަކަށް ރަނގަޅު ރެފްރީން ހޯދަން ކަމަށާއި މިސަރަހައްދުން ރަނގަޅު ރެފްރީން ނުލިބިއްޖެނަމަ ޔޫރަޕުން ނަމަވެސް ރަނގަޅު ރެފްރީން ގެންނަން ޖެހޭކަމަށެވެ.

ސްރީލަންކާ ޓީމަކީ މުބާރާތުގައި ކުޅުނު އެހެންޓީމުތަކަށްވުރެ ދަށްޓީމެއްކަން ގަބޫލްކުރާ ކަމަށާއި އެހެންނަމަވެސް ސްރީލަންކާ ޓީމުގައި ތިބީ މޮޔައިން ނޫންކަމަށް އަލަގިޗް ބުންޏެވެ. ކޮންމެ މެޗެއްގައިވެސް ރެފްރީގެން ނިންމުންތައް ފެނިގެންދިޔައީ ސްރީލަންކާ އާއި ދެކޮޅަށް ނިންމިތަންކަމަށާއި މިކަން ކަމަކީ ގަބޫލްކުރެވޭނެ ކަންކަމެއް ނޫންކަމުގައިވެސް އަލާގިޗް ފާހަގަކުރިއެވެ.

ސްރީލަންކާގެ ކޯޗު އިތުރަށް ބުނީ މިއީ ވަރަށް ރަނގަޅު ތަޖްރިބާއެއް ކަމަށާއި ސްރީލަންކާ ފުޓްބޯޅަ މިހާރު މިދަނީ އަލުން ކުރިއަރަމުން ކަމަށާއި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި މީގެ ނަތީޖާ ދަނޑުމަތިން ފެނިގެންދާނެކަމަށެވެ. ޖުމްލަކޮށް މުޅި މުބާރާތުގައި ސްރީލަންކާ ޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ޓީމުގެ އިތުރުން މެނޭޖްމަންޓުން ވެސް ކުރިމަސައްކަތައް އަލާގިޗް ވަނީ ޝުކުރު އަދާކޮށްފައެވެ.

މިފަހަރު ސާފް ޗެމްޕިއަންޝިޕް ސްރީލަންކާއިން ނިންމާލާފައި ވަނީ ކުޅުނު ހަތަރު މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ. ސްރީލަންކާ ޕޮއިންޓެއް ހޯދީ ވަރުގަދަ އިންޑިއާއަށް ގޯލެއް ޖެހިޔަނުދީ ހިފަހައްޓާލައިގެންނެވެ. ސްރީ ލަންކާ ދެން ކުޅުނު 3 މެޗުންވެސް ބަލިވިއިރު އެޓީމު ކޮންމެ މެޗަކުންވެސް ބަލިވެފައިވަނީ އެންމެ ގޯލެއްގެ ތަފާތުންނެވެ. މިގޮތުން ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން އެކެއް ސުމަކުން ބަލިވިއިރު، ރާއްޖެ އަތުންވެސް ލަންކާ ބަލިވެފައިވަނީ ހަމަ މި ސްކޯއިންނެވެ. ނޭޕާލް އާއި ބައްދަލުކުރި މެޗުން ސްރީ ލަންކާ ބަލިވީ ތިނެއް ދޭކުންނެވެ.