ކުޅިވަރު

ބީޗް ވޮލީ މުބާރާތްތައް ބޭއްވުމަށް ރާއްޖެއަކީ ރަނގަޅު މަންޒިލެއް: ގްރާސާ


ބީޗް ވޮލީގެ އެންމެ ފޯރިގަދަ މުބާރާތްތައް ބާއްވަން ރާއްޖެއަކީ ވަރަށް ރަނގަޅު މަންޒިލެއްކަމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ފެޑެރޭޝަން (އެފްއައިވީބީ) ގެ ރައީސް، އަރީ ގްރާސާ ވިދާޅުވެއްޖެއެވެ. އެފްއައިވީބީގެ ރައީސް މިއަދު ރާއްޖެ ވަޑައިގަތުމުން ގްރާސާއަށް މަރުހަބާ ދެންނެވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝްގެ އިތުރުން ވީއޭއެމްގެ އިސްވެރިންނެވެ. ރާއްޖެއަށް ގްރާސާ މިކުރެއްވި ދަތުރުފުޅަކީ މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެފްއައިވީބީގެ ރައީސް ރާއްޖެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ވިދާޅުވީ ވޮލީ އަކީ މިހާރު މުޅި ދުނިޔޭގައިވެސް ވަރަށް މަޝްހޫރު ކުޅިވަރެއްކަމަށާއި ހާއްސަކޮށް ބީޗް ވޮލީއަކީ މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެއްކަމެވެ. އަދި ރާއްޖޭއަކީ ޓުއަރިޒަމްގެ މަންޒިލެއްކަމުން މިފަދަ ތަނެއްގައި ބީޗް ވޮލީ ތަރައްގީކޮށް، ކުރިއެރުވުމަށް މުބާރާތްތައް ބޭއްވުމަކީ ވޮލީގެ އިތުރުން ރާއްޖެއަށް ވެސް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމެއްކަމަށެވެ. ގްރާސާ ވިދާޅުވީ ބީޗް ވޮލީ ވެސް ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި އެކަމަށް ބަޖެޓު ބޭނުންވާނެކަމަށެވެ. ޚާއްސަކޮށް މިހާރު ކޮންމެ ކުޅިވަރަކީވެސް ޓީވީއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުޅޭ ކުޅިވަރަކަށް ވުމުން، ރާއްޖޭގައި ބީޗް ވޮލީގެ ކަންކަން ކުރިއަށްގެންދާއިރު، ވަރަށް ބޮޑަށް އާ ވަސީލަތްތައް ބޭނުންކޮށް، ބީޗް ވޮލީ ރާއްޖޭގައި ކުރިއެރުވިދާނެކަމަށެވެ.

"ދުނިޔޭގެ އެންމެނަށް ރާއްޖެ އެނގޭނެ. ރާއްޖެ އަކީ ޓޫރިސްޓުންގެ މަންޒިލެއް. އަަހަންނަށް ޔަގީން ވަނީ ޓޫރިސްޓުންނަށް ބީޗް ވޮލީބޯޅަ އަކީ ވަރަށް ފުރިހަމަ ކަމެއް. އެފްއައިވީބީގެ އެހީތެރިކަމާއެކު ރަނގަޅު މަސައްކަތްތަކެއް ކޮށްގެން ރާއްޖޭގައި ބީޗް ވޮލީގެ ބޮޑު ޕްރޮޖެކްޓެއް ގެންގަން މަސައްކަތް ކުރާނަން. މިއީ ރާއްޖެ ސަރުކާރާއި ވިއޭއެމްގެ ގުޅިގެން ކުރެވޭނެކަމެއް. މިކަމަށް ދެފަރާތުން އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް. އެސޯސިއޭޝަން އަދި އޮލިމްޕިކް ކޮމިޓީ އަދި އަހަރެމެން އެކުވެގެން މަސައްކަތް ކޮށްފިއްޔާ ތިނެއް ނޫނީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ވަރަށް ރަނގަޅު ބީޗް ވޮލީބޯޅަ ޓީމުތަކެއް އުފެދޭނެ. އޭރުން ރާއްޖޭގެ މަންޒަރު ބީޗް ވޮލީގައި ބަދަލުވާނެ،" ގްރާސާ ވިދާޅުވި އެވެ.

ގްރާސާ ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ބާއްވައިފިނަމަ މަޝްހޫރު ގިނަ ކުޅުންތެރިން އަންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެފްއައިވީބީން ހިންގާ ވޮލީބޯޅަ އެމްޕަވަމެންޓް ގްރާންޓުގެ ދަށުން އެފްއައިވީބީގެ ހައި ޕަރފޯމަންސް ކޯޗެއް ރާއްޖޭގެ ގައުމީ ޓީމަށް ހަމަޖެއްސުމަށްޓަކައިވެސް ގްރާސާގެ މިދަތުރުގައި މަޝްވަރާ ކުރާނެއެވެ.

ބްރެޒިލްގެ ކުރީގެ ވޮލީ ކުޅުންތެރިޔާ އަދި 2012 އިން ފެށިގެން އެފްއައިވީބީގެ ރައީސްކަމުގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ގްރާސާގެ ރާއްޖެއިން ފުރާވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ގްރާސާ އަކީ، އޮލިމްޕިކް ކުޅިވަރު ފެޑެރޭޝަންތަކުގެ ރައީސުންގެ ތެރެއިން ރާއްޖެ ވަޑައިގެންނެވި ދެ ވަނަ ރައީސެވެ. މީގެ ކުރިން ދުނިޔޭގެ ޓީޓީ ފެޑްރޭޝަން (އައިޓީޓީއެފް) ގެ ރައީސް ތޯމަސް ވެއިކާޓް 2019 ގައި ރާއްޖެ ވަޑައިގެންނެވިއެވެ.