ކުޅިވަރު

ޓިކެޓް ވިއްކުމުގައި ކަރަޕްޝަންއެއް ނެތް - ބައްސާމް


އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓު ވިއްކުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗްތަކުގެ ޓިކެޓް ގަތުމަށް ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ސަޕޯޓަރުން ކިއު ހަދައެވެ. އަދި ޓިކެޓް ނުލިބުމާއެކު ގިނަ އަދަދެއްގެ ބަޔަކުވަނީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ. ދިވެހި ރާއްޖެ އާއި ސްރީލަންކާ ވާދަކުރި މެޗްގެ ޓިކެޓްތަށް ވިއްކުމަށް ފެށުމާއެކު، 3 ގަނޑިއިރެއްހާއިރުގެ ތެރޭގައިވަނީ ވަނީ ޓިކެޓް ވިކި ހުސްވެފައެވެ. މިއާއެކު ގިނަ ބަޔަކުވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، ބޮޑު ހަމަނުޖެހުމެއްވެސް ހިންގާފައެވެ. އަދި އެއާއެކު އެފްއޭއެމްއިންވަނީ ފަހުން 1000 ޓިކެޓް ވިއްކާފައެވެ.

ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް މާދަމާ ޒުވާނުންގެ މަރުކަޒުން ވިއްކުމަށް ހަމަޖެހިފައިވަނީ އިންޑިޔާ އާއި ދިވެހި ރާއްޖެ ވާދަކުރާ މެޗްގެ ޓިކެޓެވެ. އަދި ބަންގްލަދޭޝް އާއި ނޭޕާލް މެޗްގެ ޓިކެޓްގެ ވިއްކުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުންނެވެ. މާދަމާ ވިއްކުމަށް ހަމަޖެހިފައިވާ، ޓިކެޓާބެހޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިދާޅުވީ މެޗްތަކުގެ ޓިކެޓް ވިއްކުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލްއެއް ނެތްކަމަށާއި އެކަމަށް ޖާގައެއްވެސް ނެތްކަމަށެވެ.

ގަލޮޅު ދަނޑުގެ ހާތަލު އޮތް ގޮތުން މިވަގުތު އެދަނޑަށް ވަދެވެނީ 5000 މީހުންނަށެވެ. އަންނަ ބުދަ ދުވަހުރޭ އިންޑިޔާ އާއި ދިވެހިރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. މިނިސްޓަރ މަހްލޫފު ވިދާޅުވީ ކުރިން ޓިކެޓު ގަތުމަށް ސަޕޯޓަރުން ކިއުގައި ގިނައިރުތަކެއް ހޭދަކުރަންޖެހުނު ނަމަވެސް، ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ޓިކެޓު ވިއްކުމުގެ އިންތިޒާމްތަކަށް ގެނައި ބަދަލާއެކު، ޓިކެޓު ކިއުގައި ސަޕޯޓަރުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށެވެ. ރާއްޖެ އާއި އިންޑިއާ މެޗުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ޖަހާއިރުއެވެ. ސޯޝަލް ސެންޓަރު ސަރަހައްދުގައި ޖަހާފައިވާ ގޮނޑި ބަރީގައި ކިއު ހެދޭނީ 9:30 ގެ ފަހުންނެވެ. އޭގެ ކުރިން އެއްވެސް ފަރާތްތަކަށް އެ ސަރަހައްދުގައި ކިއު ނުހުދޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އަދި، ޓިކެޓު ވިއްކުމަށް ހަ ކައުންޓަރު ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޓިކެޓް ގަންގަން އަންނައިރު އައިޑީ ކާޑާއި ވެކްސިން ކާޑު ނެގައުމަށް ވެސް އެފްއޭއްއެމުންވަނީ ހަނދާކޮށްދީފައެވެ. ސާފް ޗެމްޕިއަންޝިޕްގައި ދެން ބާކީ އޮތީ ތިން މެޗެވެ.