އަމިއްލަ ފަރާތަކުން ހުޅުމާލޭގައި ބިނާކުރި "މަސްޖިދު މުޙައްމަދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މިސްކިތް ހުޅުވައިދެއްވާފައިވަނީ އެކަމަށްޓަކާ މިއަދު މެންދުރުފަހު ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ހިމެނިވަޑައިގަންނަވާހެން ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، މި މިސްކިތުގެ މަސައްކަތް ނިންމާ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހަދިޔާކުރެއްވިކަމަށްޓަކާ މިސްކިތް ބިނާކުރެއްވި ފަރާތަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވިކަމަށްޓާ އެމަނިކުފާނަށްވެސް ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
މި މިސްކިތް ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިމިސްކިތުގައި އަޞްރު ނަމާދު ޖަމާޢަތުގައި ކުރައްވާފައެވެ. އަޞްރު ނަމާދު އިމާމުވެކޮށްދެއްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ހުޅުވައިދެއްވުމަށްފަހު، މިސްކިތުގެ އެތެރެ ބައްލަވާލައްވާ، މިސްކިތުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާ ބެހޭ މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަލަށް ބިނާ ކުރި މި މިސްކިތަކީ އެލިއާ ކޮންސްޓްރަކްޝަންގެ ފަރާތުން ހިލޭ އެހީގައި ޢިމާރާތްކޮށް ހަދިޔާކޮށްފައިވާ މިސްކިތެކެވެ. ހިތްގައިމު ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި މިސްކިތަކީ 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ދެފަންގިފިލައަށް އިމާރާތްކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށް ޚާއްޞަކޮށް ނަމާދުކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.
މި މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 18 ޖުލައި 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފައެވެ.