ކުޅިވަރު

ކޮމަންވެލްތު ގޭމްސްގެ ޗެފް ޑިމިޝަނަރަކަށް ޖަވާޒް ހަމަޖައްސައިފި


ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ހަމަޖައްސައިފިއެވެ. ކޮމަންވެލްތު ގޭމްސްއަކީ މީގެ ކުރިން ރާއްޖެއިން ގަވާއިދުން ވާދަކުރަމުން ގޮސްފައިވާ ކުޅިވަރެކެވެ. ކޮމަންވެލްތު ގޭމްސްއިން ރާއްޖެއަށް ފުރުސަތު ގެއްލުނީ ނިމިގެންދިޔަ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާއު ގުޅިގެންނެވެ.

2022ވަނަ އަހަރުގެ ޖުލައި 28ވަނަ ދުވަހު އިންގްލެންޑުގެ ބާމިންހަމްގަ ފެށުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ކުޅިވަރުތައް ނިންމާނީ އަންނަ އަހަރު ކުރީކޮޅުގައެވެ. މިއީ ރާއްޖޭގެ އެތުލީޓުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒަށް މިމަގާމް ހަވާލް ކުރުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނީ އެ މަގާމު ޖަވާ އަށް ދިނީ ފުރިހަމަ އިތުބާރާއެކީ ކަމަށެވެ. އަދި އެ ޒިންމާއާ ހަވާލުވެ، ހުރެ ޖަވާގެ ފަރާތުން ދިވެހި ކޮންޓިންޖެންޓަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޮލިމްޕިކް ކޮމިޓީން ބުންޏެވެ.

މިވަގުތު ޖަވާ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމް އަދާ ކުރަމުންދިޔަ ނަމަވެސް 1999ވަނަ އަހަރުން ފެށިގެން ޖަވާޒް އަންނަނީ އެފްއޭއެމްގެ އެކިއެކި މަގާމްތައް ފުރަމުންނެވެ. ޖަވާޒަށް ޖެނެރަލް ސެކެޓްރީގެ މަގާމު ލިބުނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް 2016ވަނަ އަހަރު އެސޯސިއޭޝަންގެ ރައީސަށް ހޮވުމަށްފަހުއެވެ. ޖަވާ އަންނަނީ އޭޝިއާގެ މައި އިދާރާ އޭއެފްސީ އާއި ދުނިޔޭގެ ފުޓްބޯޅައިގެ އިސް ޖަމިއްޔާ، ފީފާގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރައްވަމުންނެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ.