ރިޕޯޓް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭގެ މަސައްކަތް ނިމިއްޖެ


އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭއަށް އަލަށް އިތުރުކުރާ ބައިގެ ތެރެއިން 2000 މީޓަރުގެ މަސައްކަތް ނިންމާ، އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓް ކޮމްޕެނީ، އޭ.އައި.އޭއާއި ޙަވާލުކޮށްފިއެވެ.މިކަމަށްޓަކައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.ގަން އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، އެއަރޕޯޓުގައި އަލަށް ހިއްކާފައިވާ ބިމުގައި 2000 މީޓަރުގެ އާ ރަންވޭއެއް އެޅުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ޑެންމާރކްގެ ކުންފުންޏެއްކަމަށްވާ އެމް.ޓީ ހޯގާރޑްއާއެވެ. މި މަޝްރޫޢުގެ ދަށުން ހިއްކާފައިވާ ބިމުގައި އާ ރަންވޭ އެޅުމަށްފަހު، ރަންވޭ އޯވަލޭ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާ، މިހާރު ވަނީ އެތަން އެއާރޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓް ކޮމްޕެނީ، އޭ.އައި.އޭއާއި ޙަވާލުކޮށްފައެވެ. އެކަމަށްޓަކައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރަންވޭއަށް އިތުރު ކުރި ބަޔާއެކު އައްޑޫގެ ތަރައްޤީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި، ޗާޓަރ ފްލައިޓްތައް ސީދާ އައްޑޫއަށް ޖެއްސުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ރާއްޖޭގެ އެއަރޕޯޓްތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ އެއަރޕޯޓްތަކެއް ކަމަށެވެ. ނަމަވެސް އޭވިއޭޝަން ދާއިރާ އިތުރަށް ފުޅާކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދިވެސް ރާއްޖެއަށް ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓް ކޮމްޕެނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙުމަދު ސަޢީދު ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭއަށް އިތުރުކުރެވުނު ބަޔާއެކު، ގްރޭޑް އީ ގެ އެއަރކްރާފްޓްތަކަށްވެސް އެއްވެސް ދަތިކަމެއް ނެތި، އެއަރޕޯޓުން ޚިދުމަތް ލިބިގެންދާނެކަމަށެވެ. އަދި މުޅި މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު، ޑިއުޓީ ފްރީ ވިޔަފާރިތަކަށްވެސް ފުރުސަތު ހުޅުވާލެވިގެންދާނެކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.ގަން އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ގެންދަވަނީ އެކި ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެންނެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގަން އެއަރޕޯޓްގައި ހައްދަވާފައިވާ ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސަރ މޯލްޑިވްސްއިންނެވެ. މިފިޔަވަހީގެ ދަށުން ހިންގާ ޑްރެޖިންގ އަދި ރީކްލަމޭޝަންގެ ހުރިހާ މަސައްކަތްތައް ވަނީ ނިންމާލާފައެވެ. އަދި ރިވެޓްމަންޓް ޖެހުމާއި، ޝީޓް ޕައިލް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޚިދުމަތްދޭ ހަތަރު އެއަރޕޯޓުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އެއަރޕޯޓެވެ. މި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 44 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ގަން އެއަރޕޯޓް އޮޕަރޭޓް ކުރާ ކުންފުނިން މައުލޫމާތުދެއްވައެވެ.