ކުޅިވަރު

ގައުމީ ޓީމު ކުޅުދުއްފުށި ސިޓީގައި މެޗެއް ކުޅެނީ


ގައުމީ ފުޓްބޯޅަ ޓީމުން ހދ.ކުޅުދުއްފުށި ސިޓީގައި ޚާއްސަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ. ޤައުމީ ޓީމުން ކުޅުދުއްފުށީގައި ކުޅޭ މިމެޗަކީ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އަޅާފައިވާ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. މިމެޗަކީ ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕަށް ފަހު ގައުމީ ޓީމް ކުޅޭ ފުރަތަމަ މެޗެވެ. އަދި މިއީ މާލެއިން ބޭރުގައި ގައުމީ ޓީމް މިފަދަ ގޮތަކަށް ކުޅޭ ދެވަނަ މެޗެވެ. ކުޅުދުއްފުށީގައި ގައުމީ ޓީމް ކުޅޭ މެޗުގައި ގައުމީ ޓީމް ބައްދަލުކުރާނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމަކާއެވެ.

މިމެޗަށް އެފްއޭއެމުން 23 ކުޅުންތެރިން ގެންދާއިރު އެންމެ ފަހުން މާލޭގައި ކުޅުނު އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ޓީމަށް ކޮންމެވެސް ވަރެއްގެ ބަދަލްތަކެއް އަންނާނެކަމަށް އެފްއޭއެމުން މަޢުލުމާތު ދީފައިވެއެވެ. އަނިޔާގެ ސަބަބުންނާއި އެހެނިހެން ކަންތައްތަކުގެ ސަބަބުން ބައެއް ކުޅުންތެރިން މިމެޗްގައި ބައިވެރިނުވާއިރު، 23 އަހަރުން ދަށުގެ ކޮލިފައިން މެޗަށް ބަޙްރެއިންގައި ކުރިއަށްދާނީ އެޓީމާއި ބައިވެރިވުމަށް ކޯޗް ޢަލީ ސުޒޭން އާއި ޑިފެންޑަރު ހައިސަމް ހަސަންއަށް ބައިވެރިއެއް ނުވެވޭނެއެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕަށްފަހު ގައުމީ ޓީމް އެންމެ އަވަހަށް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 8ކުން 17އަށް ސްރީ ލަންކާގައި ކުޅުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައެވެ. މިކަޕްގައި 4 ގައުމަކުން ވާދަކުރާއިރު، މިމުބާރާތައް ތައްޔާރުވުމަށް ގައުމީ ޓީމު ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ.

2015ވަނަ އަހަރު ކުޅުދުއްފުށީގައިވަނީ ޕްރެޒިޑެންޓްސް ކަޕްގެ އެއް ގްރޫޕުގެ މެޗްތައް ކުޅެފައެވެ. އަދި މިނިވަން ޗެންޕިއަންޝިޕްގެ ޒޯން ބުރުގެ މެޗްތައްވެސް ވަނީ ކުޅުދުއްފުށީގައި ކުޅެފައެވެ. ކުޅުދުއްފުށީގައި ގައުމީ ޓީމް ޚާއްސަ މެޗެއް ކުޅެން ނިންމާފައިވާއިރު، 2019ވަނަ އަހަރު ބ. އަތޮޅު އޭދަފުށީގައި ހަދާފައިވާ ޓާފް ދަނޑު ހުޅުވުމުގެ ގޮތުންވެސް އެރަށުގައި ގައުމީ ޓީމުވަނީ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅެފައެވެ.