ކުޅިވަރު

މޮރިއޭރޯއާއެކު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި


ގައުމީ ޓީމަށް އަލަށް ހަމަޖެއްސި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއާއެކު ފަރިތަކުރުންތައް ފަށައިފިއެވެ. މޮރިއޭރޯއަކީ އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު މިޑްފީލްޑަރެކެވެ. މޮރިއޭރޯ ގައުމީ ޓީމާއި ހަވާލުވިފަހުން ރޭ ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ކުޅުދުއްފުށި ސިޓީގައި އަޅާފައިވާ ޓާފް ދަނޑު ހުޅުވުމަށް ގައުޓީމާއި އެރަށު ޓީމަކާ ދެމެދު ކުޅުނު އެކުވެރިކަމުގެ މެޗު ބެލުމަށް މޮރިއޭރޯ ވަނީ ޓީމާއެކު ދަތުރުކޮށްފައެވެ.

މޮރިއޭރޯއާއެކު ގައުމީ ޓީމްގެ ފަރިތަކުރުންތައް ފެށިއިރު، ޓީމަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ނުވާއިރު، ޓީމްގައި ގިނައިން ހިމެނެނީ އެންމެ ފަހުން މާލޭގައި ކުޅުނު އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ކުޅުނު ކުޅުންތެރިންނެވެ. ބައެއް ކުޅުންތެރިން އަނިޔާގެ މައްސަލައާއި ހެދި ފަރިތަކުރުންތަކުގައި ބައިވެރިނުވެއެވެ. އަދި މިހާރު ކުރިއަށްދާ އޭޝިޔާގެ 23 އަހަރުން ދަށުގެ ކޮލިފައިން މެޗްތަކުގައި ބައިވެރިވާން ބައެއް ކުޅުންތެރިންވަނީ އެޓީމާއި ގުޅިފައެވެ.

މާލޭގައި ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދީފައިވަނީ ތަޖްރިބާކާރު ކޯޗު ޢަލީ ސުޒޭނެވެ. ގައުމީ ޓީމު އެންމެ އަވަހަށް ދެން ވާދަކުރުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ސްރީލަންކާގައި ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕެވެ. މިމުބާރާތް ކުރިއަށްދާނީ މިއަންނަ މަހުގެ 7 ކުން 18އަށެވެ. މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރި ސްރީލަންކާ، ބަންގްލަދޭޝް، ދިވެހިރާއްޖެއެވެ. މިސަޙައްދުން ބޭރުން ވާދަކުރަނީ ސީޝޭލްސްއެވެ.

ކޯޗެއްގެ ގޮތުގައި މޮރިއޭރޯ އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓްރިނާގައެވެ. ގައުމުން ބޭރުގައި އޭނާގެ ފުރަތަމަ ތަޖުރިބާއަކީ އައިވަރީ ކޯސްޓުގެ ކްލަބް، އެފްރިކާ ސްޕޯޓްސްގައި ކުރި މަސައްކަތެވެ. އޭނާ ވަނީ އިޓަލީގެ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކަމަށްވާ، ސެރީއާ ބީ އަދި ސެރީއާ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފައެވެ. އަދި ސްވިޒަލެންޑުގެ ކްލަބު ލުގާނޯއަށް ވެސް މޮރިއޭރޯ ވަނީ ކޯޗު ކޮށްދީފައެވެ.