ކުޅިވަރު

ދިވެހި ކޯޗުންނާއެކު ކުޅުންތެރިންނަށް މަސައްކަތް ކުރަން ފަސޭހަ - ޒިލާ


ބިދޭސީ ކޯޗުންނަށް ވުރެއް ބޮޑަށް މިސަރަޙައްދުގެ ޓީމުތަކުގެ ކުޅުން ދިވެހި ކޯޗުންނަށް އިނގޭނެކަމަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް މުޙައްމަދު ޒިލާލް ބުނެފިއެވެ. ގައުމީ ޓީމު މިހާރު ތައްޔާރުވަމުންދަނީ މިއަންނަ މަހުގައި ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާބާ ބާސްކެޓް ބޯލް މުބާރާތަށެވެ. މިމުބާރާތުގައި މިހާތަނަށް ވާދަކުރާނެކަން އިޢުލާންކޮށްފައިވަނީ ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝްއެވެ. މިހަތަރު ޓީމާއެކު ދެން ވާދަކުރާނީ ދިވެހި ރާއްޖެއެވެ.

ސާބާ މުބާރާތާ ބެހޭގޮތުން ވާހަކަދައްކަމުން ގައުމީ ބާސްކެޓް ޓީމުގެ އެސިސްޓެންޓް ކޯޗް އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުޙައްމަދު ޒިލާލް ބުނީ އެހެން އަހަރުގެ ތަކުގެ ސާބާ މުބާރާތައް ވުރެއް މިއަހަރުގެ މުބާރާތް ރާއްޖޭގެ ޓީމަށް ތަފާތުވާނެކަމަށެވެ. ޚާއްސަކޮށް، ރާއްޖޭގެ ޓީމުން މިފަހަރު ދިވެހި ކޯޗުންނާއެކު ސާބާ މުބާރާތާ ކުރިމަތިލާއިރު، ދިވެހި ކޯޗުންނަށް މިސަރައްހަދުގެ ޓީމުތަކުގެ ކުޅުންތެރިން އެގޭނެކަމަށާއި އެޓީމުތަކުގެ ކުޅުމުގެ ވައްޓަފާޅިވެސް ދިވެހި ކޯޗުންނަށް އެނގޭނެކަމަށް ޒިލާލް ބުންޏެވެ. ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިލްޔާސް އިބްރާހިމެވެ. އަދި އެނާގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލާއި ގައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލީއާއި މުޙައްމަދު ނަސީރެވެ. މިއީ މިހާތަނަށް ގައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ. ޒިލާލް ބުނީ މިކޯޗިން ސްޓާފުންނާއެކު ކުޅުންތެރިންނަށްވެސް މަސައްކަތް ކުރުމަށް ވަރަށް ފަސޭހަވާނެކަމަށެވެ.

"ދިވެހި ކޯޗުން ތިބީމަ ޓީމަށް ވަރަށް ބޮޑު ފަސޭހައެއް ވާނެ. އެކުޅުންތެރިންނަށް ކޯޗުން އިނގޭނެ އަދި ކޯޗުންނަށް ވަރަށް ރަނގަޅަށް ކުޅުންތެރިންވެސް އެނގޭނެ. މިވަގުތު ކޯޗުން ޓީމަށް ބަލާއިރު، މިތިބީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކުޅެފައިވާ ކޯޗުން، އެހެންވީމަ ކުޅުންތެރިންނަށް ދިމާވާ މައްސަލަތައްވެސް ވަރަށް ފަސޭހައިން އިނގޭނެ. އަދި މިސަރަހައްދުގައި ގިނަ މެޗްތަކެއް ކުޅެފައިވާ ކޯޗުން ތިބުމުން ކޯޗިން ސްޓާފުންނަށްވެސް މިސަރައްހައްދުގެ ޓީމުތައް އެނގޭނެ. މީގެ ސަބަބުން ދެކޮޅަށްވެސް ވަރަށް ފައިދާ ކުރާނެ. މިސާލަކަށް ބޭރުން ކޯޗުން އައިސް އެންމެ ފުރަތަމަ ކުޅުންތެރިން ދަސްކޮށް، މިސަރައްހަދުގެ ޓީމުތައް ޖެހެނީ ދަސްކުރަން. އެކަމަށް ގިނަ ވަގުތުވެސް ފާއިތުވި ތަނުގައިވަނީ ނަގާފަ. އެހެންވީމަ މިފަހަރު ދިވެހި ކޯޗުންނާއެކު ބާސްކެޓް ޓީމަށް ރަގނަޅު ކާމިޔާބީއެއް ހޯދޭނެ." ޒިލާ ބުންޏެވެ.

ސާބާއަށް ދިއުމުގެ ކުރިން ގައުމީ ބާސްކެޓް ޓީމު ވަނީ ދުބާއީގައި ކޭންޕެއްކޮށްފައެވެ. ދުބާއީ ކޭންޕުގައި ޤައުމީ ބާސްކެޓް ޓީމުން ވަނީ އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. ފުރަތަމަ މެޗް ކުޅެފައިވަނީ ދުބާއީގައި ދިރިއުޅޭ ސީރިޔާ ކުޅުންތެރިންނާއެކު، ބޯލް އަބަވް އޯލް ޓީމުގެ އިތުރުން ދުބާއީގެ އެމެރިކަން ޔުނިވާސިޓީގެ ޓީމާ ދެކޮޅަށެވެ. ކޯވިޑް-19އާއި ގުޅިގެން ގައުމީ ބާސްކެޓް ޓީމުގެ އިތުރުން އެސޯސިއޭޝަނަށް މިދިޔަ އަހަރު އެއްވެސް މުބާރާތެއް ކުރިއަށް ނުގެންދެވެއެވެ. ގައުމީ ބާސްކެޓް ޓީމުން އެންމެ ފަހުން ވާދަކޮށްފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައެވެ.